ފުޓުބޯޅަ

މާދަމާ ވާލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ބޫޓާން ބައްދަލުކުރަނީ


މާދަމާރޭގެ މެޗަށް ނިކުންނާނީ ބޫޓާނަށް ފުރިހަމައަށް އިޙްތިރާމް ކޮށްގެންކަމަށް ރާއްޖޭގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.

ވާލްޑް ކަޕް ކޮލިފިކޭޝަންގެ އެންމެ ފަހު މެޗަށް މާދަމާރޭ ބޫޓާނާ ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހާބަޓް ބުނީ ބޫޓާނަކީވެސް ރަނގަޅު ޓީމެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ނިކުންނާނީ ރަނގަޅު ޓީމެއް ނެރެގެން މޮޅުވާން ކަމަށެވެ. އަދި މި މެޗަކީ ޒުވާން ކުޅުންތެރިނަށް އިތުރު ތަޖުރިބާއެއް ލިބިގެންދާނެ މެޗަކަށް ވެގެން ދާނެކަމަށެވެ. މި މެޗާ އަޝްފާޤް ގުޅިފައިވުމަކީ ޓީމު އިތުރަށް ރަނގަޅު ވާނެ ކަމެއްކަންވެސް ކޯޗް ފާހަގަކުރިއެވެ.

"ބޫޓާންއާ ދެކޮޅަށް މި ނުކުންނަނީ އެ ޓީމަށް ފުރިހަމައަށް އިޚްތިރާމް ކޮށްގެން މެޗުން މޮޅުވާން. މިއީ ކުރިއަށް އޮތް ތަނުގައި ޓީމު އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދާނެ ރަނގަޅު މެޗެއް. ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފެންވަރު ދައްކާލުމަށް ލިބިގެންދާނެ ރަނގަޅު މެޗެއް. އަޝްފާޤް މި މެޗަށް ފިޓްވުމަކީ މެޗްގެ ފޯރި އިތުރަށް ގަދަވާނެ ސަބަބެއް" ރިކީ ހާބަޓް ބުންޏެވެ.

ބޫޓާންގެ ކޯޗް ޕެމާރ ދޯޖީ ބުނީ ރާއްޖޭގެ ދަނޑުގައި ރާއްޖެ ބަލިކުރުމަކީ ފަސޭޙަކަމެއް ނޫންކަމަށާއި، ހާއްސަކޮށް އަޝްފާޤް ކުރީގައި ހުރުމަކީ ބޫޓާންގެ ޑިފެންސަށް އިތުރު އުނދަގޫތަކެއް ކުރިމަތި ވާނެ ކަމެއް ކަމަށެވެ. އަދި ޓީމު މި މެޗަށް އައީ ބެންކޮކްގައި އެއް ހަފްތާގެ ޓްރޭނިންގ ފުރިހަމަ ކުރުމަށް ފަހު ކަމަށާއި، ޓީމުގެ ކުޅުން ކުރިއަށްވުރެ މިހާރު ރަނގަޅު ވާނެކަމަށް ބޫޓާން ކޯޗް ފާހަގަކުރިއެވެ. އޭނާ ބުނީ މިމެޗުން މާބޮޑު ކަމެއް ހާސިލް ނުވި ނަމަވެސް މި މެޗަކީ ސަޕޯޓަރުން ބަލާހިތްވާކަހަލަ ރަނގަޅު މެޗަކަށް ވެގެންދާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

" އަހަރުމެން މި އައީ ބެންކޮކްގައި އެއް ހަފްތާގެ ޓްރޭނިންގ އެއް ނިންމާލުމަށްފަހު އެހެންކަމުން މި މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. މި މެޗުން ލިބޭނެ މާ ބޮޑު އެއްޗެއް ނެތްނަމަވެސް ރަނގަޅު ފައިޓެއް ދީގެން މެޗް ކާމިޔާބުކުރުމަކީ އަހަރުމެންގެ އަމާޒު. އުއްމީދު ކުރަނީ މި މެޗަކީ ހުރިހާ އެންމެންވެސް ބަލާހިތްވާކަހަލަ މެޗަކަށް ވެގެންދާނެ" ބޫޓާންގެ ކޯޗް ޕެމާރ ދޯޖީ ބުންޏެވެ.

ވާލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ބޫޓާން ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ނުވައެއް ޖަހާއިރުއެވެ. މި މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.