ޚަބަރު

ޔޫރަޕްގެ އިތުރު ޤައުމުތަކަށް ރާއްޖޭގައި ތިބެގެން މިހާރު ވިސާއަށް ހުށަހެޅޭނެ


  • 2020ގައި ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެ މާލޭގައި ހުޅުވާފައިވޭ

  • މި ސެންޓަރާ ސްވިޓްޒަލެންޑުން މިދިޔަ އޮގަސްޓުމަހު ވަނީ ގުޅިފައި

  • މިއަދުން ފެށިގެން ފްރާންސް، ސްޕެއިން، ޕޯޗުގަލްގެ ވިސާއަށް އެޕްލައިކުރެވޭނެ

މިއަދުން ފެށިގެން ފްރާންސާއި ސްޕެއިންއާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް ރާއްޖޭގައި ތިބެގެން ހުށަހެޅޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

ފޮރިން މިނިސްޓްރީންވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްޓަކައި 1 މާރިޗު 2020 ގައި ވީއެފްއެސް، ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެ މާލޭގައި ހުޅުވާފައެވެ.

އަދި މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލަންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަން ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

މިޚިދުމަތް އިތުރަށް ފުޅާކުރުމަށް ފޮރިން މިނިސްޓްރީން ޝެންގެން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑުން މިދިޔަ އޮގަސްޓުމަހުގެ 21ގައި ވަނީ ގުޅިފައެވެ.

މިސެންޓަރު މެެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައިކުރެވޭނެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީ.އެފް.އެސް. މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުންކުރަމުންދާ މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ޝެންގެންގައި ހިމެނޭ 27 ޤައުމުގެތެރެއިން 18 ޤައުމަށް މިހާރު ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު މިވަނީ ހަމަޖައްސާފައެވެ.

މީގެކުރިން ދިވެހިން ޝެންގެންގައި ހިމެނޭ ޤައުމުތަކަށް ވިސާ ނެގުމަށް ދާން ޖެހެނީ ސްރީލަންކާގެ ކޮލޮމްބޯއަށް ނޫނީ އިންޑިއާގެ ނިއުދިއްލީއަށެވެ.

ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދުނިޔޭގެ 101 ޤައުމަށް ދިވެހި ޕާސްޕޯޓުގައި ވިސާއާއި ނުލައި މިހާރު ދަތުރުކުރެވޭނެއެވެ. އަދި ދުނިޔޭގެ 185ޤައުމާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ވަނީ ގާއިމްކޮށްފައެވެ.