ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: ލީގު ބުރުގައި އިންޑިއާއަށް ފުރިހަމަ ރިކޯޑެއް


މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ނެދަލަންޑްސް ބަލިކޮށް، މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އިންޑިއާއިން ފުރިހަމަ ރިކޯޑަކާއެކު ލީގު ބުރުގެ ކުޅުން ނިންމާލައިފިއެވެ.

ބެންގަލޫރުގައި ހުންނަ އެމް. ޗިންނަސުވާމީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ 160 ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 410 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންޑިއާގެ ދެ ކުޅުންތެެރިއަކު ވަނީ ސެންޗަރީ ހަދާފައެވެ. އެއީ ނުބައިނުވެ 94 ބޯޅައިން 128 ލަނޑު ހެދި ޝްރެޔާސް އަޔާ އާއި 64 ބޯޅައިން 102 ލަނޑު އެއްކުރި ކޭއެލް ރާހުލްއެވެ.

ޖަވާބުގައި ނެދަލަންޑްސް ކުޅެން އަރައި 47.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 250 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 54 ލަނޑު ހެދި ޓޭޖާ ނިޑަމަނޫރޫ އާއި 80 ބޯޅައިން 45 ލަނޑު އެއްކުރި ސައިބްރަންޑް އެންގެލްބްރެކްޓެވެ.

މި އިނިންގްސްގައި އިންޑިއާގެ ޖަސްޕްރީތު ބުމްރާ އާއި، މުޙައްމަދު ސިރާޖާއި، ކުލްދީޕް ޔާދަވް އަދި ރަވިންދްރަ ޖަޑޭޖާ ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.

މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް އިންޑިއާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އިންޑިއާ އޮތީ ނުވަ މެޗުން 18 ޕޮއިންޓާއެކުއެވެ. މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ ބައްދަލުކުރާނީ ތާވަލުގެ ހަތަރުވަނަ ހޯދި ނިއު ޒީލަންޑާއެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާއެވެ.