ޚަބަރު

ރައީސް ނަޝީދު ވަކިކުރުމުގެ ޤަރާރު މާދަމާގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފި


  • މި މައްސަލަ އެޖެންޑާކޮށްފައިވަނީ މާދަމާ 11:00 ގެ ޖަލްސާއަށް

  • 5 ފަހަރެއްގެ މަތިން އެޖެންޑާކޮށްގެންވެސް ކުރިއަށް ނުގެންދެވުނު

  • މިކަމުގައި ކުރިއަށްދެވޭނެ ގޮތެއް ހޯދަން ބަންޑާރަ ނައިބުގެ ލަފައަކަށް އެދެނީ

  • އިތުބާރުނެތް މައްސަލައަށް ގޮތެއް ނުނިންމާ ކުރިއަށްނުދެވޭނެކަމަށް އެމްޑީޕީން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށަހަޅުއްވާފައިވާ ޤަރާރު އެޖެންޑާކޮށްފައި މިވަނީ އެ ޤަރާރު ގޯސްކަމަށް ނިންމާ، ރިޔާސަތުން އެ ޤަރާރު ބޭރުކޮށްފައިވަނިކޮށެވެ. ރައީސް ނަޝީދު ވަކިކުރެއްވުމުުގެ ޤަރާރު ތާވަލުކޮށްފައިވަނީ މާދަމާ 11:00 ޖަހާއިރު ބާއްވާ ޖަލްސާއަށެވެ.

ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮއިހަމަކޮށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު މީގެ ކުރިން 5 ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މި މައްސަލަ ކުރިއަށްގެންދެވޭގޮތް ވެފައެއްނުވެއެވެ.

މަޖިލީހުގެ އިދާރާއިން އޭރު ނިންމަވާފައި އޮތީ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތަށް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތުގައި އިންނަންވާނީ މަޖިލީހުގެ ނައިބު ރައީސްކަމަށެވެ. އެހެންނަމަވެސް ޤަވާއިދު މާނަކޮށްދޭން އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ޙުކުމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް މައްސަލަ، މަޖިލީހުގެ ނައިބު ރައީސް ނެތަސް ކުރިއަށްގެންދެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. އެއާއެކު އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ.

މަޖިލީހުގެ ނައިބު ރައީސް އިވާ ސަލާމުގައި ހުންނެވުމުން، މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފެވެ. ޖަލްސާ ފަށައި، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން، ރައީސް ނަޝީދު ވަކިކުރެއްވުމުގެ ޤަރާރު ހުށައަޅާފައިވަނީ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށްކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ނިޒާމީ މައްސަލަ ނެގުމުން، ރިޔާސަތުގައި އިންނެވި އަފީފް ވަނީ އެކަން ބަލައިގަނެ، އެއީ ޤަވާއިދާއި ޚިލާފު ޤަރާރެއްކަމަށް ކަނޑައަޅުއްވާ އެ ޤަރާރު އަލުން ހުށަހެޅުއްވުމަށް އަންގަވާފައެވެ. އަދި ޖަލްސާ ނިންމަވާލެއްވިއެވެ.

އެއަށްފަހު މިއަދު ހެނދުނު 11:30 އަށްވެސް އިތުރު ޖަލްސާއެއް އެޖެންޑާކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އެވެ. އެހެންނަމަވެސް މިއަދު ބޭއްވި ދެވަނަ ޖަލްސާވެސް ފެށްޓެވިތާ މާގިނައިރުތަކެއް ނުވެ އިވާވެސް ވަނީ އެއީ ހެނދުނުގެ ޖަލްސާގައި ބޭރުކޮށްފައިވާ ޤަރާރެއްކަމަށް ވިދާޅުވެ، އެ ޖަލްސާވެސް ނިންމަވާލައްވާފައެވެ.

މިއަދު ބޭއްވި މަޖިލީހުގެ ދެ ޖަލްސާގައިވެސް މަޖިލީހުގެ ނައިބު ރައީސް އިވާ ޢަބްދުﷲއާއި، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު އަމަލުކުރެއްވިގޮތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް އިމްތިޔާޒާއި ސުލޫކް ކޮމެޓީން ވަނީ ނިންމާފައެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އޮންނަ އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ދެ ޖަލްސާވެސް ނިންމާލީ ގަވައިދާ ހިލާފަށްކަމަށެވެ. އަދި އެ މައްސަލަ ވަނީ ޢާންމު ކޮމިޓީއަށް ފޮނުވާފައެވެ.