ޚަބަރު

އީވާގެ އިތުބާރު ނެތް މައްސަލަ ހުށައެޅުމަށް ސޮއިހަމަކޮށްފި


  • އީވާގެ މައްސަލަ ހުށައަޅަން ނިންމީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން

  • އީވާގެ މައްސަލަ ހުށައެޅުމަށް ބޭނުންވާ ސޮއި ހަމަވެ އިތުރު ސޮއި ހޯދަންދަނީ މަސައްކަތްކުރަމުން

  • އީވާގެ މައްސަލަ ހުށައެޅުމަށް މަދުވެގެން 22 މެމްބަރުންގެ ސޮއި ބޭނުންވާނެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީން ތައްޔާރުވެއްޖެއެވެ. އެމްޑީޕީންވަނީ އީވާގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ޢަދަދަށް ސޮއިހަމަވެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މަޤާމުން ދުރުކުރުމަށްވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއިބޭނުންވެއެވެ. އެއީ 22 މެމްބަރުންގެ ސޮއެވެ. އީވާގެ މައްސަލަ ވެއްދުމަށް ބޭނުންވާ ސޮއި ހަމަވެފައިވީނަމަވެސް އިތުރު މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްމައްސަލަ ވެއްދުމަށް އެމްޑީޕީން ނިންމާފައިވަނީ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައިވެސް މަޖިލީސް ރައީސްގެ އިތުބާރު ނެތް ޤަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ. ރައީސް ނަޝީދު މަޤާމުން ދުރުކުރުމަށްޓަކައި މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށްނުގެންދެވުނީ މަޖިލީސް ނައިބު ރައީސް އީވާ ބަލިވެ ސަލާމުގައި ހުންނެވުމުންނެވެ. މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ ނައިބު ރައީސެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށައެޅި ޤަރާރު، މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިޔަށް ނުގެންދިވާތީ މަޖިލީހުގެ ޤަވާއިދު މާނަކުރަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅުމުން އެކޯޓުންވަނީ މަޖލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބް ރައީސް ނޫން މެމްބަރުންނަށް ވެސް ބެލެހެއްޓޭނެކަމަށް ޙުކުމްކުރައްވާފައެވެ.

އެޙުކުމަށްފަހު އެންމެ ފުރަތަމަ މަޖިލީހުގައި ބޭއްވި މިއަދުގެ ޖަލްސާގައިވަނީ މިމައްސަލަ ތާވަލުކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ހެނދުނު ކުރިއަށްދިޔަ ޖަލްސާގައިވަނީ ނަޝީދުގެ މައްސަލަ ހުށައަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައި މަޖިލީސް ނިންމަވާފައެވެ. އޭގެފަހުން މެންދުރުކުރި 11:30ގައި އެޖެންޑާކުރި 2 ވަނަ ޖަލްސާއަށް މިމައްސަލަ ކުރިއަށްގެންދިޔުމަށް މަސައްކަތްކުރުމުން މަޖިލީސް ނައިބު ރައީސްވަނީ އެމައްސަލައަކީ ހެނދުނުގެ ޖަލްސާއިން ބޭރުކޮށްފައިވާ ޤަރާރެއްކަމަށް ވިދާޅުވެ ގިނައިރުތަކެއްނުވެ އެޖަލްސާވެސް ނިންމާލާފައެވެ.

މިމައްސަލައާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން، މެމްބަރު އަފީފު އަދި އީވާ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތްކަމަށް ބުނެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށައެޅުމުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެކޮމިޓީންވަނީ އެދެމެމްބަރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ނިންމާފައެވެ.