ޚަބަރު

ޕިއްޒާ ހަޓާއި ކޭއެފްސީއަށް ކަޅުތެޔޮ ޖަހައިފި


  • މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަށްވެސް ވަނީ ކަޅުތެޔޮ ޖަހާފައި

  • ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށް މަޢުލޫމާތު ލިބޭ

މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގާ އިމާރާތްތަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ ދެ ރެސްޓޯރެންޓްގެ އިތުރުން، ރާއްޖޭގައި ކޮކާކޯލާ ކުންފުނީގެ އުފެއްދުންތައް އުފައްދާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަށް ކަޅުތެޔޮ ޖަހާފައިވާ ކަމުގެ މައްސަލައެއް މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މިތަންތަނަށް މިރޭ ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިތަންތަނަށް ވަދެ ތަނުގައި ތިބި ބައެއް މުވައްޒަފުންނަށް އިންޒާރުވެސް ދިނުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ ހިންގާ ތަންތަނަށް ގެއްލުންދީފައި މިވަނީ މި ވިޔަފާރިތަކުން އިޒްރޭލުގެ ޔަހޫދީންނަށް އެކިގޮތްގޮތުން ވާގިވެރިވެ ހިތްވަރު ދެމުންދާތީކަމަށް މައުލޫމާތު ލިބެއެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެޤައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ބައިނަލްއަގުވާމީ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައިވެސް އިސްރާއީލްގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އަންނަނީ ގޮވާލަމުންނެވެ.