ސިޔާސީ

ނަޝީދުގެ މައްސަލައިގައި އިނގިރޭސިން ބަސްބުނަމުންދާތީ ކަންބޮޑުވޭ


ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ބަސްބުނަމުންދާތީ ކަންބޮޑުވާކަމަށާއި، މިނިވަން ޖުޑީޝަރީއަކުން ޙުކުމްކުރައްވާފައިވާ ކުއްވެރިއެއްގެ މައްސަލައިގެ ތެރެއަށް އިނގިރޭސި ސަރުކާރުން ޚުދޫދުން ބޭރުން ބާރު ނުފޯރުވުމަށް ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުން ގޮވާލައްވައިފިއެވެ. ވަފުދުން މިކަނަށް ގޮވާލާފައިވަނީ މިދިޔަ ފެބުރުއަރީ މަހު އެ ވަފުދު ރާއްޖެއަށް ކުރި ދަތުރަށްފަހު އެނބުރި އިގިރޭސިވިލާތަށް ގޮސް، ނެރުނު ރިޕޯޓްގައެވެ. މި ރިޕޯޓްގައި އިދިކޮޅު ފަރާތްތަކަށް ގޮވައިލާފައިވަނީ ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރައަށް ދެއްވައިފައިވާ ދަޢުވަތު ޤަބޫލުކޮށް، ޝަރުތަކާ ނުލައި މަޝްވަރާގައި ބައިވެރިވުމަށެވެ.

އޯލް ޕާރޓީ ބްރިޓިޝް- މޯލްޑިވްސް ޕާލިމެންޓްރީ ގްރޫޕްގެ ވަފްދު ރާއްޖެއަށް ކުރި ދަތުރަކީ ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކާއި، އިނގިރޭސި ސަރުކާރުން ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން އެކަންކަން ކައިރިން ބެއްލެވުމުގެ ގޮތުން ކުރި ދަތުރެކެވެ. ވަފުދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ޗެއަރމަން، އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ސައުތް-އެންޑް ވެސްޓްގެ މެމްބަރު ސަރ ޑޭވިޑް އެއިމީސްއެވެ. މި ވަފްދުގެ ބޭފުޅުން ދަތުރުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި އެމް.ޑީ.ޕީއާއި ޢަދާލަތު ޕާޓީގެ އިސްބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެއްވުނު ކަންމަކުގެ މަޗަށް އޭ.ޕީ.ޕީ.ޖީގެ ވަފްދުގެ ބޭފުޅުން ނެރުއްވި ރިޕޯޓުގައި ދިވެހި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ތަންފީޒީ ބާރުން ފުރިހަމައަށް ކަށަވަރުކުރައްވައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ހިންގަވާފައިވާ ޝަރީޢަތަކީ ޤާނޫނުގައި ކަނޑައެޅިގެން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް، ޤާނޫނީ ތަރަހައިގެ ބޭރުން ކޮށްފައިވާތީ ހިންގާފައިވާ ޝަރިއްޔަތެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރަކު ހައްޔަރުކުރައްވައި، ނިޒާމުން ގެއްލުވާލެއްވިކަމަށް ރައީސް ނަޝީދު ބައިނަލްއަޤްވާމީ މީޑިއާގައި އެއްބަސްވެވަޑައިގެންފައިވާކަން އެގްރޫޕްގެ ވަފްދުގެ ބޭފުޅުން ނެރުއްވި ރިޕޯޓްގައި ފާހަގަކުރައްވައިފައިވެއެވެ. ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ޝަރުޢީ މަރުޙަލާ އަދިވެސް ނިމިފައި ނުވާއިރު، އިނގިރޭސި ސަރުކާރުން މި މައްސަލައާމެދު ޚުދޫދުން ބޭރުން ބަސް ބުނެ، ރާއްޖޭގެ ޖުޑީޝަރީ ބަދުނާމުވާގޮތަށް ދައްކަވާފައިވާ ވާހަކަތައް ކުއްވެރިކުރައްވައި، ރާއްޖޭގެ ޝަރުޢީ ދާއިރާގައި ކުރިއަށްދާ މައްސަލަތަކަށް އިނގިރޭސި ސަރުކާރުން ނުޙައްޤުން ބާރުފޯރުވައި ބަސް ބުނުން ހުއްޓާލުވުމށް ގޮވާލައްވައިފައިވެއެވެ. އަދި ޓެރެރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިއެއްގެ ޙައްޤުގައި އިނގިރޭސި ސަރުކާރުން ބަސް ބުނުމުގެ ބަދަލުގައި ދިވެހި ދައުލަތަށް އެއްބާރުލުން ދިނުމަށް އެގްރޫޕްގެ ބޭފުޅުން ވަނީ އިނގިރޭސި ސަރުކާރަށް ގޮވައިލައްވައިފައެވެ.

img:http://s2.psmnews.mv/images/660x400/14591766831551.jpg|ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން މިދިޔަ ފެބްރުއަރީމަހު ރައީސް ޔާމިންއާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

އޯލް ޕާރޓީ ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުން ވަނީ ދިވެހި ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލެއްވި ގޮވާލެއްވުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް ސިޔާސީ ޕާޓީގެ މަޝްވަރާގެ މުހިންމުކަން ފާހަގަކުރައްވައި، އިދިކޮޅު ޕާޓީތަކުން ސިޔާސީ ޕާޓީގެ މަޝްވަރާއަށް އެއްވެސް ޝަރުތަކާ ނުލައި އިޖާބަދިނުމަށް އެގްރޫޕްގެ ބޭފުޅުން ވަނީ ގޮވާލައްވައިފައެވެ. އެހެންނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންނުވުމަކީ ދިވެހި ދައުލަތަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމެދު އެފަރާތްތަކުގެ ހެޔޮނިޔަތެއް އިޚްލާޞްތެރިކަމެއް ނެތްކަން ދައްކުވައިދޭކަމެއްކަމަށް އޭ.ޕީ.ޕީ.ޖީގެ ވަފްދުގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އޭ.ޕީ.ޕީ.ޖީގެ ވަފްދުގެ ރިޕޯޓް ނިންމަވައިލައްވަމުމް ގޮވާލައްވައިފައިވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް އެއްބާރުލުން ދީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނީ ނިޒާމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިޙްތިރާމް ކުރެއްވުމަށެވެ. ދިވެހިރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމުން މިފަދަ ދަނޑިވަޅެއްގައި ރާއްޖެއަށް ބޭނުންވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރުކަށި ފާޑުކިއުމާއި، ދަތިކުރުމަށްވުރެ ބޮޑަށް އެހީތެރިކަމާއި، އެއްބާރުލުމާއި ބިނާކުރަނިވި ފާޑުކިއުންކަމަށް ބަޔާންކޮށްފައިވެއެވެ.

އޭ.ޕީ.ޕީ.ޖީގެ ވަފްދްގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެއްވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ނެރުއްވި ރިޕޯޓުގައި ފާހަގަކުރައްވައިފައިވާ ކަންކަމަކީ މީގެ ކުރިން ދިވެހިރާއްޖެއާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކާއި، ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނޭ ބޭރުގެ ބައެއް މެންބަރުން ދައްކަވާފައިވާ ވާހަކަތަކާ ވަރަށް ތަފާތު ވާހަކަތަކެކެވެ.

އިދިކޮޅު ފަރާތްތަކުގެ މިފަދަ ހަޤީޤަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އެއްވެސް ފަރާތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، އެކަމުގެ ދަތިތަކާއި ނުރަނގަޅު އަސަރުކުރާނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނީ އަދި، އެ ކަންތައްތައް ތަޙައްމަލްކުރަން ޖެހޭނީ ޢާއްމު ރައްޔިތުންނަށްކަމަށް މި ވަފްދުގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ.