ކުޅިވަރު

"މި ހާލަތުގައި ދަގަނޑޭ އާއި ޠާރިޤު ގުޅިގެން މަސައްކަތްކުރުން މުހިންމު"


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އަޙްމަދު ތޯރިގު (ޓޮމް) އާއި އަލީ އަޝްފާގު (ދަގަނޑޭ) ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.

އެފްއޭއެމުގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން، މީގެ ކުރިންވެސް އެ މަޤާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ޓޮމް ވަނީ ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭވެސް އެ މަގާމަށް ވާދަކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ޕޯސްޓުތަކެއް ދައުރުވަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގަ މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމާ ގުޅޭގޮތުން ވާހަކަދައްކަމުން ސޮބާ ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލުތު ރަނގަޅުވާން އޮތީ ވީ އެންމެ އަވަހަކަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އެކަމަކު ދަގަނޑޭ ރަނގަޅީ އެފްއޭއެމުގެ ރައީސްކަމަށް ވާދަކުރުމަށް ވުރެން ރާއްޖޭގެ ފުޓްބޯޅަ މާކެޓުކޮށް ޕްރޯޓްކުރަން ހުރުމަށް ކަމަށް ބުންޏެވެ. އެކަމަކު ދެން ވާދަކުރާނެކަން އިއުލާންކޮށްފައިވާ ޓޮމްއަކީ ތައުލީމީ ހިންގުތެރި ގާބިލު ކެނޑިޑޭޓެއް ކަމަށްވެސް ވަނީ ބުނެފައެވެ.

"
އަޅުގަނޑު ވަރަށް އިހުތިރާމުކުރަން އަޝްފާގަށް. އެކަމު މި ހާލުތުގައި އަޝްފާގު ނުވެދާނެ އެންމެ ރަނގަޅު މިހާއަށް. އަޝްފާގު އެންމެ ރަނގަޅުވާނީ ދިވެހި ފުޓްބޯޅައިގެ އެންމެބެސެޑަރަކަށް.
ސޮބާހު މުޙައްމަދު

ސޮބާ ބުނީ މި ވަގުތު ރާއްޖެގެ ފުޓްބޯޅައަށް މުހިންމީ ތައުލީމީ ހިންގުންތެރި ގާބިލު މީހެއް ކަމަށާއި، އެކަމަކު ދަގަނޑޭއަކީ މި ވަގުތަށް ބަލާއިރު އެންމެ ގާބިލް ކެނޑިޑޭޓް ނޫން ކަމަށެވެ. އަދި އެފްއޭއެމުގެ ރައީސް ކަމަށް އަންނީ ކާކުތޯ ބެލުން މުހިންމު ނޫން ކަމަށާއި، ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހާލަތުން އަރައިގަނެވި، ދެމެވެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނެ ނިޒާމެއް ގާއިމުކުރުން ފަދަ ކަންކަން ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ބައްސާމް ދެވަނަ ދައުރެއް ފުރިހަމަކުރައްވަމުން އަންނައިރު، ދިވެހި ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ އިދާރާގެ ދަރަނީގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައެވެ.

އެފްއޭއެމުގެ ހާލަތު ގޯސްވެފައިވާއިރު، އެ އިދާރާގެ ނައިބު ރައީސްގެ މަޤާމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރުކަމުން ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލް ވަނީ އިސްތިއުފާ ދެއްވާފައެވެ.