އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ސްރީ ލަންކާ ބަލިކޮށް، ނިއު ޒީލަންޑުން ސެމީ ފައިނަލުގެ އުއްމީދު އައުކޮށްފިއެވެ.
ބެންގަލޫރުގައި ހުންނަ އެމް. ޗިންނަސުވާމީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ނިއު ޒީލަންޑް މޮޅުވީ ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ނިއު ޒީލަންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ އެންމެ ފުރަތަމަ ކުޅެން އަރައި 46.4 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 51 ލަނޑު ހެދި ކުސަލް ޕެރޭރާ އާއި ނުބައިނުވެ 91 ބޯޅައިން 38 ލަނޑު އެއްކުރި މަހީޝް ތީކްޝާނާއެވެ.
މި އިނިންގްސްގައި ނެދަލަންޑްސްގެ ޓްރެންޓް ބޯލްޓް ވަނީ 10 އޯވަރުގައި 37 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ރަޗިން ރަވިންދްރާ އާއި މިޗެލް ސެންޓްނާ ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި ނިއު ޒީލަންޑް ކުޅެން އަރައި އެ ޓީމުން ވަނީ 23.2 ވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 42 ބޯޅައިން 45 ލަނޑު ހެދި ޑެވޮން ކޮންވޭ އާއި 31 ބޯޅައިން 43 ލަނޑު އެއްކުރި ޑެރީލް މިޗެލްއެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ސެމީގެ އުއްމީދު ނިއު ޒީލަންޑުން އައުކުރިއިރު، ސެމީއަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. ނިއު ޒީލަންޑް މި ވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ނުވަ މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ސެމީގެ ފަހު ޖާގައަށް ދެން ވާދަކުރާ ޕާކިސްތާނާއި އަފްޣާނިސްތާނަށް އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.
މީގެ ކުރިން ސެމީގެ ޖާގަތައް ޔަގީންކޮށްފައިވަނީ އެއްވަނައިގައި އޮތް އިންޑިއާ އާއި ދެވަނައިގައި އޮތް ދެކުނު އެފްރިކާ އަދި ތިންވަނައިގައި އޮތް އޮސްޓްރޭލިއާއެވެ.