ކުޅިވަރު

އަޝްފާޤް ޓީމަށް ނެގީ މުޅިން ފިޓްވުމުން - ޝަކީބު


ޤައުމީ ކެޕްޓަން އަލީ އަޝްފާޤް ބޫޓާން މެޗުގެ ސްކޮޑަށް ނަގާފައިވަނީ އެފްއޭއެމްއާއި ޕީޑީއާރުއެމްގެ މެޑިކަލް ޓީމުންވެސް ބެލުމަށްފަހު އޭނާ ފިޓްކޮށް ހުރުމުންކަމަށް ޤައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބު ވިދާޅުވެއްޖެއެވެ. 

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަރމަންގެ މަޤާމްގައިވެސް ހުންނެވި ޝަކީބު ވިދާޅުވީ އެންމެފަހުން ޤައުމީ ޓީމް ޗައިނާއާ ދެކޮޅަށް ޗައިނާގައި ކުޅުނު މެޗުގައި އަޝްފާޤް ނުކުޅުނީވެސް އަދި ބޫޓާން މެޗަށް އަޝްފާޤް ނެގީވެސް މެޑިކަލް ޓީމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ. ޗައިނާ މެޗުގެ ކުރިން ޕީޑީއާރުއެމްއަށް އަޝްފާޤް ކުޅުނީ އެއީ އެކްލަބަށް ވަރަށް މުޙިންމު މެޗަކަށް ވުމުން، ޕީޑީއާރުއެމްގެ މެޑިކަލް ޓީމްގެ އެދުމުގެ މަތީން ސީދާ އޭނާ މެލޭޝިޔާއަށްގޮސް އަޝްފާޤަށް ފަރުވާދީ އިންޖެކްޓްކޮށްގެންކަމަށް ޝަކީބު ވިދާޅުވިއެވެ. އަދި އެމެޗުގެ ނުވަދިހަ މިނިޓް ފުރިހަމަ ނުކޮށް އަޝްފާޤް ބަދަލުކޮށްފައިވާކަމަށާއި، އޭގެ ފަހުން ޗައިނާ މެޗަށް އަޝްފާޤް ނުގެންގޮސް ބެހެއްޓީ ބޫޓާން މެޗަށް މުޅިން ފިޓްކުރަންކަމަށް ޝަކީބު ވިދާޅުވިއެވެ. 

އެމުއްދަތުގެ ތެރޭގައި މާލެއަތޮޅު ރަށަކަށް އަޝްފާޤް ކުރި ދަތުރެއްގައި އެރަށުގެ ކުޅުންތެރިން ތަކުރާރުކޮށް އެދުމުން ފަސްވަރަކަށް މިނިޓް އަޝްފާޤް އެރަށުގެ ކުޅުންތެރިންނާއެކު ބޯޅަ ކުޅެލިކަމަށް ޝަކީބު ވިދާޅުވިއެވެ. ޝަކީބު ވިދާޅުވީ މެޗު ކުރިމަތީގައި ވަނިކޮށް ކުޅުންތެރިންގެ ރޫހާއި، މޯޓިވޭޝަން ގެއްލޭފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ޚާއްޞަކޮށް ނޫސްވެރިއަކުވެސް ނުކުރުމަށް އެދޭކަމަށެވެ.