ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ކޯޕަންހޭގަންއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ. އެހެންކަމުން 10 ކުޅުންތެރިންނާއިއެކު ޔުނައިޓެޑް ދެވަނަ ހާފު ކުޅުނުއިރު، މެޗުގެ 83 ވަނަ މިނެޓާ ހަމައަށް އެޓީމް އޮތީ 3-2 އިން ލީޑުގައެވެ. ނަމަވެސް 83 ވަަނަ މިނެޓުގައި ޖެހި ލަނޑާއި 87 ވަނަ މިނެޓުގައި ކޯޕެންހޭގަންއިން ޖެހި ލަނޑާއެކު މި މެޗުން ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ތިން މިނިޓުގެ ތެރޭގައި ރަސްމުސް ހޮއިލުންޑް ކާމިޔާބުކުރި ލަނޑުން ޔުނައިޓެޑް ލީޑު ނެގިއިރު، މެޗުގެ 28 ވަނަ މިނިޓުގައި އޭނާ ވަނީ ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޯޕަންހޭގަންއިން ވަނީ މުހަންދަ އަލްޔޫނިސީގެ ލަނޑާއެކު އުންމީދު އާކޮއްފައެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުތެރޭގައި ކޯޕަންހޭގަންއިން ވަނީ ޕެނަލްޓީއަކުން ނާތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ޔުނައިޓެޑުން މޮޅަކަށް މިސްރާބު ހިފިނަމަވެސް، ލޫކަސް ލެރަގާ އާއި ރޫނީ ބާޑުޖީ ޖެހި ގޯލަނޑުތަކުން ކޯޕަންހޭގަންއިން ވަނީ ނަތީޖާ އަނބުރާލާފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ގްރޫޕްގެ ފުލަށް ވެއްޓިފައެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މެޗުން ކުރެ މެޗަކުން ބަލިވެއްޖެ ނަމަ ޗެމްޕިއަންސް ލީގުން ޔުނައިޓެޑް ކަޓާނެއެވެ.