ކުޅިވަރު

ކޭންގެ ދެ ލަނޑާއެކު ބަޔާން ގަދަ 16 އަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ތުރުކީގެ ގަލަތަސަރާއީ ބަލިކޮށް، ގަދަ 16 ބުރުން ޖަރުމަނުގެ ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ބަޔާނުން ޑޮމިނޭޓް ކޮށްގެން ކުޅުނު މި މެޗުގެ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީވެސް އެ ޓީމުންނެވެ. އެކަމަކު މި މެޗުގައި ދެ ޓީމުން ކާމިޔާބުކުރި ހުރިހާ ލަނޑެއްވެސް ފެނިގެންގޮސްފައިވަނީ ފަހު 10 މިނިޓުގެ ތެރޭގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގަލަތަސަރާއީގެ އާޖެންޓީނާ ފޯވާޑް މައޮރޯ އިކާޑީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭނާ ޖެހި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ލަނޑު ބަޔާންއިން ކާމިޔާބުކުރީ 80 ވަނަ މިނެޓުގައި ޖޯޝުއާ ކިމިކް ނަގައިދިން ހިލޭ ޖެހުމެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހެރީ ކޭންއެވެ.

އޭގެ ހަ މިނިޓުފަހުން ބަޔާންއިން ލީޑުފުޅާކުރި ލަނޑު ކޭން ކާމިޔާބުކުރީ މެތިއަސް ޓެލް ދިން ބޯޅައަކުންނެވެ. އެކަމަކު ގަލަތަސަރާއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އިތުރުވަގުތުގެ ތިންވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސެޑްރިކް ބަކަންބޫއެވެ. ރޭގެ މެޗުގައި ކޭން ޖެހި ދެ ލަނޑާއެކު މްޕައަންސް ލީގުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 25 އަށް އަރާފައެވެ. އަދި ކޭން ވަނީ އެންމެ ފަހުން ބަޔާނަށް ކުޅުނު 15 މެޗުގައި 19 ލަނޑު ކާމިޔާބުކޮއްފައެވެ.

ރޭ ހޯދި މޮޅާއެކު ގުރޫޕުގައި ބާކީ ދެ މެޗު އޮއްވައި ބަޔާން ވަނީ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދާފައެވެ. މި ގްރޫޕުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުއެވެ.