ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ބަލިކޮށް، ކުޅުދުއްދުށީ ޕޯޓް ރެކްރިއޭޝަން ކުލަބު (ކޭޕީއާރްސީ) އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒިގްޒެގް ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ކޭޕީއާރުސީން ހޯދީ ރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ކޭއާރުއެޗް ބަލިކޮށްގެންނެވެ. ވާދަވެރި އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް ސުމަކުން ކޭޕީއާރުސީ ކުރީގައި އޮވެގެންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޗަންނައެވެ. ހުރިހާ ގޮތަކުންވެސް ކޭޕީއާރުސީ ޓީމަކީ ވަރުގަދަ އަދި ފުޓްސަލްގެ ނަން ހިނގާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމަކަށް ވުމުން، މިމެޗުގައި ކޭއާރުއެޗުން ކުޅުނީ ޑިފެންސިވްކޮށް، ކައުންޓަރ އެޓޭކް ގޭމެކެވެ.
މެޗުގެ ދެވަނަ ހާފުގައި ގައިވެސް ގިނަ ހަމަލާތައް އުފެއްދީ ކޭޕީއާރުސީންނެވެ. އެޓީމުގެ އައިހަމްއާއި، އިއްބެގެ ހަމަލާތަކުގެ ހުރަހަކަށްވީ ކޭއާރުއެޗްގެ ގޯލްކީއްޕަރެވެ. މިމެޗުގައި ކޭއާރުއެޗަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް ހުރަހަކަށްވީ ކޭޕީއާރުސީގެ ތަޖުރިބާކާރު ކީއްޕަރު ތާޑޭއެވެ.
މެޗުގައި ކޭޕީއާރުސީން ޖެހި ދެވަނަ ގޯލް ކާމިޔާބު ކުރީ މެޗު ނިމެން ކައިރި ވެފައި ވަނިކޮށް މިމުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އައިހަމްއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ. އެކަަމަކު މެޗުގެ އެންމެ ފަހު މިނިޓުގައި ކޭއާރުއެޗްގެ ޖުނައިދު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމު ކޭޕީއާރުސީއަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އަނިމާއި ޓްރޮފީ ހަވާލުކޮށްފައެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީީ ހަވާލުކޮށް ދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ކުޅުދުއްފުށީ ޒިގްޒެގް ކްލަބުން އިންތިޒާމު ކުރި މިމުބާރާތަކީ އެ ކުލަބުުން މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ އެއް މުބާރާތެވެ. މިމުބާރާތް ކާމިޔާބު ކަމާއިއެކު ގެންދިއުމަށް އެކުލަބުގެ އިސްވެރިންނާއި އާންމު މެމްބަރުން އަދި ހެޔޮ އެދޭ ގިނަ ފަރާތްތަކުން ވަނީ ބުރަ އަދި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެކުލަބުން ވަނީ އަންނަ އަހަރުވެސް މިމުބާރާތް މިއަށްވުރެއް ފުރިހަމަކޮށް ބޭއްވުމަށް ނިންމާފައެވެ. މި މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލްއެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންދަލިޔާ ބުކްޝޮކް އަދި ސީންއެވެ. އެކޮމަޑޭޝަން ޕާޓްނަރަކަށް ބަރާބަރު ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ ބީ ޓްރެވަލްސްއެވެ.