ދުނިޔެ

އައި.އެސް ބޭރުކޮށްލިއިރު، ޕަލްމައިރާ ފުނޑުފުނޑުވެފައި !


ސޫރިޔާގެ ތާރީޚީ ރަށެއްކަމަށްވާ ތަދްމުރު ނުވަތަ ޕަލްމައިރާއިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށް އެޖަމާޢަތުގެ އަތްދަށުން އެރަށް މިނިވަން ކުރެވުނުއިރު އެރަށުގެ އާޘާރީ ތަރިކައިގެ ބޮޑުބައެއް މުޅިން ހަލާކުވެ، ފުނޑުފުނޑުވެފައިވާކަމަށް ސޫރިޔާގެ ރަސްމީ ޓީވީން ބުނެފިއެވެ.

އެޓީވީން ބުނީ އައިއެސްއިން ޕަލްމައިރާގެ ދާރުލްއާޘާރުގައިވާ ގިނަ ތަކެތި ހަލާކުކޮށްލާފައިވާ ކަމަށާ، ހަނގުރާމައިގެ ސަބަބުންވެސް އެރަށުގައިވާ އާޘާރީ އެތައް ތަނެއް ހަލާކުވެފައިވާކަމަށެވެ. ސޫރިޔާގެ ރަސްމީ ޓީވީން ވަނީ ޕަލްމައިރާގެ އާޘާރީ ތަންތަނުގެ ތެރެއިން ހަލާކުވެފައިވާ ތަންތަނުގެ މަންޒަރުތައް ދައްކާލާފައެވެ. ޕަލްމައިރާއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ދުވަސްވީ ތާރީޚީ ތަރިކަތައް ހިމެނޭ ރަށެވެ. އެރަށް އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަންކުރެވުމަކީ ޓެރަރިޒަމްގެ މައްޗަށް ސޫރިޔާ ސިފައިންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ބައްޝާރުލްއަސަދު ވަނީ ސިފަކުރައްވާފައެވެ. 

ޕަލްމައިރާގައި ފައިހަރުކޮށްލައިގެން ތިބި އައިއެސްގެ ހަނގުރާމަވެރިންގެ އެރަށުން ބޭރުކޮށް ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް އެރަށް ގެނެވުނުކަން އެގައުމުން އިޢްލާންކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.