ވިޔަފާރި

ކޮލަމްބޯ ސްޓޮކް މާރކެޓުގެ މަޢުލޫމާތު ދިނުމުގެ ފޯރަމެއް ފަށައިފި


ކޮލަމްބޯ ސްޓޮކް މާރކެޓުން ދިވެހި ކުންފުނިތަކަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ކުންފުނިތަކަށް މަޢުލޫމާތު ދިނުމުގެ ފޯރަމެއް ފަށައިފިއެވެ.

އެމްއެމްއޭގެ ޖަލްސާކުރާ މާލަމުގައި މިއަދު މި ފޯރަމް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުންގެންދާ، އަދި ހިންގުމަށް ޢިއުލާނުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ފޯރަމްތަކަކީ ދިވެހި ކުންފުނިތަކަށް ރަނުގެ ފުރުޞަތެއް ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ޢިއުލާނުކޮށްފައިވާ ޕްރޮޖެކްޓްތަކާއި، ފަށައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ޚަރަދުވާނެ ފައިސާގެ އަންދާޒާ ޢަދަދުތަށް މިނިސްޓަރ ވަނީ ތަފްޞީލްކޮށްދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެފައިސާ ހޯދޭނެ ގޮތްތަކުގެ މަޢުލޫމާތު މިފަދަ ފޯރަމްތަކުން ލިބިގެން ދާނެކަމަށެވެ. ރާއްޖޭގެ ކުންފުނިތަކަށް ކޮލަމްބޯ ސްޓޮކް މާރކެޓް ނުވަތަ ސްރީލަންކާގެ ޙިއްޞާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަޙުމަދު ނަޞީރު ވިދާޅުވީ ސްރީލަންކާގެ ޙިއްޞާގެ ބާޒާރަށް ރާއްޖޭގެ ކުންފުނިތަށް ވަނުމުން ކުންފުނިތަށް ކުރިއެރުވުމަށް ފައިސާހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުންފުނިތައް ކޮލަމްބޯ ސްޓޮކް މާރކެޓްގައި ލިސްޓު ކުރެވިގެންދާނީ އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ކުންފުނި އެދަރަޖައަށް ގެންދިއުމަށްފަހު ކަމަށް ނަޞީރު ވިދާޅުވިއެވެ.

މި ފޯރަމްފައި ސްރީލަންކާގެ ހަތް ކުންފުންޏަކާއި ދިވެހި 22 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފޯރަމްގެ ތެރެއިން ކުންފުނިތަކާއެކު ވަން ޓުވަން ސެޝަންތަކެއްވެސް ކުރިއަށްގެންދާނެކަމަށް ސީއެމްޑީއޭއިން ވިދާޅުވެއެވެ.