ޚަބަރު

އަބުރު ރައްކާތެރިކުރުމުގެ ޤާނޫނާމެދު ނޫސްވެރިންގެ ކަންބޮޑުވުން


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލްގައި ހުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސްއެޅޭ ބައިތައް އުނިކޮށްދިނުމަށް އެދި ރާއްޖޭގެ އިސް ބައެއް ނޫސްވެރިން ގޮވާލައިފިއެވެ.

ހަވީރު ނޫހުގެ އެޑިޓަރ މޫސާލަތީފާއި، ސަން މީޑިއާގެ އެޑިޓަރ އަހުމަދު ޒާހިރާއި، ވީ ނިއުސް އެޑިޓާރ އިމާދު ލަތީފާއި، ދިޓީވީގެ ސީއީއޯ މިދުޙަތު އާދަމާއި، ރާއްޖެ ޓީވީގެ ސީއޯއޯ ޙުސައިން ފިޔާޒް މުސާއާއި، ސީއެންއެމްގެ އެޑިޓަރ އިން ޗީފް އިސްމާޢީލް ރަޝީދާއި، އަވަސް ނޫހުގެ އެޑިޓަރ އާދަމް ޙަލީމާއި، މިނިވަން ނޫހުގެ އެޑިޓަރ ޒަހިނާ ރަޝީދާއި ހަވީރުގެ 2 ނޫސްވެރިންކަމަށްވާ އަޙުމަދު ޢަބްދުﷲ ސަޢީދާއި އަޙުމަދު ޙަމްދޫން ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލްގެ އެކުލެވިފައިވާ ގޮތުން ރާއްޖޭގެ ނޫސްވެރިކަމަށާއި ރައްޔިތުންގެ ހިޔާލް ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭކަމަށެވެ. އަދި އެ ބިލަކީ ރާއްޖޭގެ ޤާނޫނޫ އަސާސީގައި ކަށަވަރުކޮށްދީފައިވާ ހަމަތަކާ މުޅިން ޚިލާފް ބިލެއްކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން އަންނަ ނޫސްވެރިންތަކެއް ގުޅިގެން ނެރުނު މި ބަޔާނުގައި، ކަމާގުޅޭ މިނިވަން މުވައްސަސާތައް މެދުވެރިކޮށް ޙައްލުކުރެވޭނެ އިންތިޒާމްތަކަކާމެދު ވިސްނާވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކަށާއި ސަރުކާރަށް ގޮވާލާފައިވެއެވެ.