ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 24 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ރެހެންދި ސްކޫލާ ވާދަކޮށް 28-21 އިން މޮޅުވެގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްކަންދަރުގެ ސޯފިއާ އަބްދުﷲ އިބްރާހީމެވެ.
17 އަހަރުން ދަށުގެ ޗެމްޕިއަންކަން އިސްކަންދަރުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޣިޔާސިއްދީން އިންޓަރނޭޝަނަލް ސްކޫލާ ވާދަކޮށް 53-43 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްކަންދަރުގެ ފާތިމަތު ޒާހީ ޒިޔާދުﷲ އެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ކުޅުނު 15 އަހަރުން ދަށުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޣިޔާސުއްދީނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗު 29-23 އިން ކާމިޔާބުކުރީ ޣިޔާސުއްދީނުންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޣިޔާސުއްދީނުގެ މަރިޔަމް މަލާކް މުޙައްމަދު ޝިފާނެވެ.
ސްކޫލް ނެޓްބޯޅަ މުބާރާތުގެ އެންމެ ސީނިއާ އުމުފުރާ ކަމަށްވާ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ވަނީ ދިފާއުކޮށްފައެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) 51-35 އިން ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލާގެ އާމިނަތު އައިނީއެވެ.
ހަތަރު އުމުރުފުރައަކަށް ބަހާލައިގެން މި އަހަރުގެ ސްކޫލް ނެޓްބޯޅަ މުބާރާތް ބޭއްވިއިރު، މި މުބާރާތް ބާއްވާފައިވަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ.