ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: މެކްސްވެލްގެ 200 ލަނޑާއެކު އޮސްޓްރޭލިއާ ސެމީއަށް


އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި އަފްޣާނިސްތާން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާއިން ކަށަވަރުކޮށްފިއެވެ.

މުމްބާއީގައި ހުންނަ ވަންކެޑޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އޮސްޓްރޭލިއާ މޮޅުވީ ތިން ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން އަފްޣާނިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 50 ވަނަ އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 291 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 143 ބޯޅައިން 129 ލަނޑު ހެދި އިބްރާހީމް ޒަދުރާންއެވެ. މިއީ ވޯލްޑް ކަޕެއްގައި އަފްޣާނިސްތާންގެ ކުޅުންތެރިއެއް ސެންޗަރީއެއް ހެދި ފުރަތަމަ ފަހަރެވެ.

ޖަވާބުގައި އޮސްޓްރޭލިއާ ކުޅެން އަރައި އެ ޓީމުން ވަނީ 46.5 ވަނަ އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 293 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 128 ބޯޅައިން 201 ލަނޑު ހެދި ގްލެން މެކްސްވެލްއެވެ. އޭނާ ވަނީ 21 ފަހަރު ހަތަރަަކަށް އަދި 10 ފަހަރު ހަޔަކަށް ބޯޅަ ޖަހާފައެވެ. މެކްސްވެލް އަކީ ވޯލްޑް ކަޕެއްގައި 200 ލަނޑު ހެދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި 200 ލަނޑު ހެދީ ވެސްޓް އިންޑީސްގެ ކްރިސް ގޭލް އާއި ނިއު ޒީލަންޑުގެ މާޓިން ގަޕްޓިލްއެވެ.

މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ސެމީގެ ޖާގައެއް އޮސްޓްރޭލިއާއިން ކަށަވަރުކުރިއިރު، ސެމީއަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. މީގެ ކުރިން ސެމީގެ ޖާގަތައް ޔަގީންކޮށްފައިވަނީ އެއްވަނައިގައި އޮތް އިންޑިއާ އާއި ދެވަނައިގައި އޮތް ދެކުނު އެފްރިކާއެވެ. ތިންވަނައިގައި އޮސްޓްރޭލިއާ އޮތީ ކުޅުނު އަށް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ސެމީގެ ފަހު ޖާގައަށް މިހާރު ވާދަކުރަނީ ނިއު ޒީލަންޑާއި، ޕާކިސްތާން އަދި އަފްޣާނިސްތާނެވެ. މި ތިން ޓީމަށްވެސް ވަނީ އަށް ޕޮއިންޓް ލިބިފައެވެ.