ކުޅިވަރު

އޮޑީޝާއިން ފަހަތުން އަރައި މާޒިޔާ ބަލިކޮށްފި


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންޑިއާގެ އޮޑީޝާ އެފްސީން ފަހަތުން އަރައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން މާޒިޔާ ބަލިވިއިރު، މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގައި ކުޅުނު މެޗުން އޮޑީޝާ ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ބަލިކޮށްފައެވެ.

މިއަދު ކުޅުނު މެޗު ފަށައިގެން ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައިން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

އަދި މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސާބިއާގެ ފޯވާޑް ވޮޖިސްލާފް ބަލަބަނޮވިޗް ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ބަލަބަނޮވިޗް، އޮޑީޝާގެ ޑިފެންޑަރު މޯޓަޑާ ފޯލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އޮޑީޝާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 65 ވަނަ މިނެޓުގައި އޮޑީޝާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަޙްމަދު ޖަހޫ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯލްއެވެ.

އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި އޮޑީޝާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ހިލޭ ޖެހުމެއްގައި އޭރިއާ ތެރެއަށް ޖަހޫ ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑިއޭގޯ މައުރީސިއޯއެވެ. މި މެޗުގައި އޮޑީޝާއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޯއި ކްރިޝްނާއެވެ.

މި ނަތީޖާއާއެކު އޮޑީޝާ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އަދި މާޒިޔާ އޮތީ ތާވަލުގެ ފުލުގައި ހަތަރު މެޗުން ތިން ޕޮއިންޓާއެކުއެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އިންޑިއާގެ ގަދަބާރު މޯހަން ބަގާން ސުޕަ ޖަޔަންޓް ބަލިކޮށްފައެވެ. އެއާއެކު އެއްވަނައަށް ޖެހިލި ބަޝުންދަރާ އާއި ދެވަނައިގައި އޮތް މޯހަން ބަގާނަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.