ކުޅިވަރު

ޓޮޓްނަމުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަތުން ބަލިވެ، ޓޮޓްނަމް ހޮޓްސްޕާއިން މި ސީޒަނުގައި ބަލިނުވެ އޮތް ރިކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓްނަމް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ފޯރި ދަ މި މެޗުގައި ޖުމްލަ ފަސް ލަނޑު ފެނިގެން ދިޔައިރު، ވީއޭއާރްއިން ވަނީ ފަސް ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަވަނަ މިނިޓުގައި ޑިޔާން ކުލުސެވްސްކީ ކާމިޔާބުކޮށްދިން ލަނޑާއެކު ޓޮޓެންހަމުން ލީޑު ވަނީ ނަގާފައެވެ. އަދި އޭގެ ފަހުން ކެޕްޓަން ސޮން ހެއުން މިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ދިގު ވީއޭއާރު ރިވިއު އަކަށްފަހު ވަނީ ސޮން އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި މެޗުގެ 21 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ޗެލްސީއަށް އެއްވަރު ކޮށްދޭން ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ގޯލެއް ކަމަށް ބަލައި ނުގަތީ ސްޓާލިންގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީއޭއާރުން ދެއްކުމުންނެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި މޮއީސެސް ކައިސެޑޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނަމަވެސް، ވީއޭއާރްއިން ވަނީ އެ ލަނޑުވެސް ބަލައިނުގަންނަން ނިންމާފައެވެ. އެކަމަކު ކައިސެޑޯ އެ ބޯޅަ ފޮނުވާލުމުގެ ކުރިން ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ، ޗެލްސީގެ އެންޒޯ ފެނާންޑޭޒްއަށް އޭރިއާ ތެރެއިން ފައުލް ކޮށްފައި ވުމުން ރެފްރީ ވަނީ ރޮމޭރޯއަށް ރަތް ކާޑު ދައްކައި ޗެލްސީ އަށް ޕެނަލްޓީއެއް ދީފައެވެ.

ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން 35 ވަނަ މިނިޓުގައި ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިނީ ކޯލް ޕާމާއެވެ. އޭގެ ފަހުން ސްޓާލިންގެ އެހީތެރިކަމާ އެކު ޖެކްސަން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް، ސްޓާލިން އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި ދެވަނަ ހާފު ފެށުނުތާ 10 މިނެޓުވެސް ނުވަނީސް ޓޮޓްނަމުގެ އުޑޯގީއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން އެޓީމު މެޗު ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާ އެކުއެވެ. މި މެޗުގައި ޗެލްސީން ފުރަތަމަ ފަހަރަށް ލީޑު ނެގީ 75 ވަނަ މިނިޓުގައި ސްޓާލިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޖެކްސަން ކާމިޔާބު ކުރި ލަނޑުންނެވެ.

އަދި މާ ގިނައިރެއް ނުވެ އެރިކް ޑަޔާ، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދިން ކަމަށް ހީކުރެވުނަސް، ވީއޭއާރްއިން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމާފައެވެ. މި މެޗުގައި ޗެލްސީގެ ޖެކްސަން އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ދެ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ނުވަ މިނިޓު ތެރޭގަ އެވެ. އެގޮތުން އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އޭނާގެ ދެވަނަ ލަނޑު ޖެހީ މިކައިލޯ މުޑްރިކް ދިން ބޯޅައަކުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން ޖެކްސަން ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ދެވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އަދި ލީގުގައި ހޯދި ހަތަރުވަނަ މޮޅާއެކު ޗެލްސީ ވަނީ 15 ޕޮއިންޓް ހަމަކޮށް 10 ވަނައަށް ޖެހިލައިފައެވެ.