ކުޅިވަރު

ކްރިކެޓް ވޯލްޑް ކަޕް: ބަންގްލަދޭޝް އަތުން ބަލިވެ ލަންކާ ކަޓައިފި


އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެ، ސްރީ ލަންކާ މުބާރާތުން ކަޓައިފިއެވެ.

ނިއު ދިއްލީގައި ހުންނަ އަރުން ޖެއިޓްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ބަންގްލަދޭޝް މޮޅުވީ ތިން ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ އެންމެ ފުރަތަމަ ކުޅެން އަރައި 49.3 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 279 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 105 ބޯޅައިން 108 ލަނޑު ހެދި ޗަރިތު އަސަލަންކައެވެ. ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރުގައި 80 ލަނޑަށް ތިން ވިކެޓް ނެގި ތަންޒިމް ހަސަންއެވެ.

މި އިނިންގްސްގައި ލަންކާގެ ކުރީގެ ކެޕްޓަން އެންޖެލޯ މެތިއުސް ވަނީ ޓައިމް އައުޓް ވުމާ ގުޅިގެން ކުޅުމުގެ ފުރުސަތު ނުލިބި ނުބައިވެފައެވެ. ބެޓްކުރަން ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި މެތިއުސް ކުޅެން ދަނޑަށް ނުކުތް ނަމަވެސް، ހެލްމެޓް ހަލާކުވުމާ ގުޅިގެން އޭނާއަށް ކަނޑައެޅިފައިވާ ވަގުތަށް ކުޅެން ތައްޔާރުވެވިފައެއް ނުވެއެވެ. އެއާއެކު ބަންގްލަދޭޝްގެ ކެޕްޓަން ޝަކީބް އަލް ހަސަން ވަނީ އަމްޕަޔަރަށް އެޕީލް ކޮށްފައެވެ.

މިއީ ބައިނަލްއަގުވާމީ ކްރިކެޓުގެ ތާރީޚުގައި ކުޅުންތެރިއަކު ޓައިމް އައުޓް ވެގެން ނުބައިވި ފުރަތަމަ ފަހަރެވެ. މެޗަށްފަހު ވާހަކަދައްކަމުން މެތިއުސް ބުނީ ހެލްމެޓްގެ މައްސަލައެއް އުޅޭ ކަމަށާއި، އެ ބަދަލުކޮށްގެން ކުޅުމުގެ ފުރުޞަތު ދިނުމަށް އެދުނު ކަމަށެވެ. އަދި މި މެޗުގައި ބަންގްލަދޭޝްގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކަކީ ލަދުވެތި އަމަލުތަކެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރައި އެ ޓީމުން ވަނީ 41.1 ވަނަ އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 282 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 101 ބޯޅައިން 90 ލަނޑު ހެދި ނަޖްމުލް ހުސެއިން އާއި 65 ބޯޅައިން 82 ލަނޑު އެއްކުރި ޝަކީބެވެ.

މި ނަތީޖާއާއެކު ލަންކާ އޮތީ އަށް ކުޅުނު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ހަތްވަނައިގައި އޮތް ބަންގްލަދޭޝްއަށްވެސް ލިބިފައިވަނީ އަށް މެޗުން ހަތަރު ޕޮއިންޓެވެ. އެއާއެކު ލަންކާ މުބާރާތުން ކެޓިއިރު، މި މެޗަށް ނުކުތްއިރުވެސް ބަންގްލަދޭޝް އޮތީ މުބާރާތުން ކަޓާފައެވެ.