ޚަބަރު

ދިވެހި ރައްޔިތުކަން ދޫކޮށްލެވޭ އިޞްލާޙެއް މަޖިލީހަށް ހުށައަޅައިފި


ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭ ގޮތަށް "ސިޓިޒެންޝިޕު ޤާނޫނަށް" އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.

މި އިޞްލާޙު ހުށައެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީންއެވެ. މުބީން ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް އެކަން ކުރެވޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފަވާއިރު، އެފަދަ ޤާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތް ކަމަށެވެ. އެހެންކަމުން މި އިޞްލާޙުގެ މަޤްސަދަކީ މި އިޖުރާތްތައް ބަޔާންކުރުން ކަމަށެވެ.

މި އިޞްލާޙުގައި ވަނީ، ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ މީހާ، އިޤުރާރެއްގައި ސޮއިކުރަން ޖެހޭނެކަމަށާއި، ވަކި ޙާލަތްތަކެއްގައި އެ އިޤުރާރު ބަލައިނުގަތުމުގެ ބާރުވެސް އެ ޤާނޫނު ތަންފީޒު ކުރާ މިނިސްޓަރަށް ލިބިގެންވާކަމަށެވެ. އެ އިޤްރާރު ބަލައިނުގަނެވޭނެ ކަންކަމުގެ ތެރޭގައި ރައްޔިތުކަން ދޫކުރަން ބޭނުންވާ ފަރާތް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުމާއި، ދިވެހި ރާއްޖެ ހަނގުރާމައިގެ ޙާލަތުގައި ވުމުގެ އިތުރުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ޙާލަތްތައް ހިމެނެއެވެ.

މި އިޞްލާޙުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ހުށައަޅާ ފަރާތަކީ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ މީހަކަށް ވާންޖެހޭނެކަމަށްވެސް އިޞްލާޙުގައި  ބަޔާންކުރައްވާފައިވެއެވެ. ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާއަށް 6 މަސް ދުވަހުގެ ތެރޭގައި އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާނަމަ އަނބުރައި ދިވެހި ރައްޔިތުކަން ނުލިބޭނެކަމަށް މުބީން މިއަދު ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.