ޚަބަރު

ރައްޔިތުންގެ ވެރިކަމަކަށް ދިވެހިން ކުރި ދަތުރު: ޖުމްހޫރީ ތާރީޚު


  • ރާއްޖޭގެ ފުރަތަމަ ރައީސަކީ މުޙައްމަދު އަމީން

  • ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 1 ވަނަ ރައީސަކީ އިބްރާހީމް ނާސިރު

  • ނާޞިރަށްފަހު، މަޖިލީހުގައި ނެގި ވޯޓަކުން ރައީސްކަމަށް އައީ ރައީސް މަޢުމޫން

  • ފުރަތަމަ ބޭއްވި ދިމިޤުރާތީ އިންތިޚާބު ކާމިޔާބުކޮށް ރައީސްކަމަށް ވަޑައިގަތީ މުޙައްމަދު ނަޝީދު

  • ނަޝީދަށްފަހު، ރައީސް ކަމަށް ވަޑައިގަތީ ނަޝީދުގެ ނައިބަކަށް ހުންނެވި ޑރ. ވަޙީދު

  • ޑރ. ވަޙީދަށްފަހު، ދެން ރައީސްކަމަށް ވަޑައިގަތީ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް

1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، ރާއްޖޭގައި ހުންނެވި ރަދުން، އައްސުލްޠާން ޢަބްދުއްމަޖީދު ރަންނަބަޑޭރި ކިލެގެފާނު، ސްރިލަންކާގައި އަވަހާރަވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ދެން ރާއްޖޭގެ ރަސްކަން ހަވާލުކުރާނޭ ފަރާތަކާއިމެދު މަޝްވަރާތައް ފެށުމެވެ. މި މަޝްވަރާތަކުގެ ތެރެއިން އޭރު، ރާއްޖޭގައި ތިބި ކަންމޮށިގެންވާ ގިނަ ބޭބޭފުޅުން ބޭނުންވީ ކުރީ ރަދުންގެ ރަސްކަމުގައި، ދައުލަތް ހިންގެވުމުގައި އެންމެ އިސްކޮށް، ހަރަކާތްތެރިވި އެއް ބޭފުޅާ ކަމުގައިވާ އަތިރީގޭ މުޙައްމަދު އަމީން ދީދީ ރަސްކަމަށް އިސްކުރުމަށެވެ. އަމީނަކީ އޭރު ރާއްޖޭގައި ތިއްބެވި ތަންދޮރު ދަންނަ ތަހުޒީބު މަދު މީހުންގެ ތެރެއިން އެކެކެވެ. އަދަބީ ކަންކަމަށާއި، ޤައުމުގެ ތާރީޚާއި ޘަޤާފަތުގެ އިތުރުން، ޒަމާނީ ކުޅިވަރުތަކަށް ލޯބި ކުރެއްވި ޒަމާނީ މުތެކެވެ.

ރާއްޖޭގެ ރަސްކަމަށް މުޙައްމަދު އަމީން އިސްކުރުމަށް ގިނަ ބަޔަކު ބޭނުންވި ނަމަވެސް، އަމީން ގެންދެވީ އެކަމަށް ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން، އެދުވަސްވަރު އަމީން ގެންދެވީ ރަސްކަމަށް އިސްވެވަޑައިގަތުމަށް ބޭނުންނުވާ ކަމަށް ވިދާޅުވެ، ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފިނަމަ، ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިދާނެކަމަށް ނުސީދާކޮށް ވިދާޅުވަމުންނެވެ. މީގެ ނަތީޖާ އަކަށްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ބަހުސެއް އުފެދި، މާލެ ތެރޭ ގިނަ މަޝްވަރާތަކެއް ފެށުމެވެ. އެންމެފަހުން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ކޮމެޓީއެއް އެކުލަވާލެވުނެވެ.

ކޮންމެއަކަސް، މި ކޮމެޓީގައި މަޝްވަރާތަކެއް ކުރެއްވުމަށްފަހު، ކޮމެޓީއަށް ފެނިވަޑައިގަތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ އުޞޫލަށް "ބަދަލެއް ގެނެސް، މިތަން ޖުމްހޫރިއްޔަތަކަށް ހެދުމަށް ޟުރޫރަތްތެރިކަން މަޖުބޫރު ކޮށްފި" ކަމަށެވެ. އެއަށްފަހު 14 އޭޕްރީލް 1952ގައި ރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ އުޞޫލަކާއިމެދު ވޯޓެއް ނެގުނެވެ.

މި ވޯޓުން 99 އިންސައްތަގެ ތަނަވަސް އަޤުލަބިއްޔަތަކުން ހޮވުނީ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ޤާއިމް ކުރުމަށް ކަމަށެވެ. ރައީސް ކަމަށް، ސައްތައިންސައްތަ ވޯޓަކުން ހޮވުނީ މުޙައްމަދު އަމީނެވެ. އަދި ނައިބު ރައީސަކަށް ހޮވުނީ އިބްރާހިމް މުޙައްމަދު ދީދީއެވެ.

ކޮންމެއަކަސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން ދިޔައެވެ. 1 ޖެނުއަރީ 1953 ވަނަ އަހަރު، ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސް މުޙައްމަދު އަމީން ހުވާ ކުރެއްވުމާއިއެކު، ވަރުގަދަ ޖުމްހޫރީ ކާނިވަލެއް، މާލޭގައި ހަފްތާތަކަކަށް ދެމިގެން ދިޔައެވެ. އެގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ރީތީގެ މުބާރަތް ވެސް ކުރިއަށް ދިޔައީ މި ކާނިވަލުގެ ތެރެއިންނެވެ.

ކޮންމެއަކަސް، ރާއްޖޭގެ ވެރިކަން ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ނަމަވެސް، ދިވެހިންގެ ހޭލުންތެރިކަން ކުޑަވުމާއި، ތަޢުލީމީ މީހުން މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ބާރުލިއްބާދިން މި ނިޒާމު، ރަސްކަމަކަށް ބަދަލު ކުރަން ބޭނުންވި ފަރާތްތައް މަދެއް ނޫނެވެ. މީގެ ނަތީޖާއަކަށްވީ، ރައީސް އަމީންގެ ސިއްޙީ ހާލުކޮޅު ގޯސްވެ، ސްރީލަންކާއަށް ބޭސްފަރުވާއަށް ވަޑައިގެން ތަންވަޅު ބަލާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލު ކުރުމެވެ. މިކަން ހިގާ ދިޔައީ ގުޅަކުޅޭ ފަސްގަނޑަށް އެއްވެ، ދިވެހީންގެ ތެރެއިން އޭރު މާލޭގައި ތިބި ކަންމޮށިގެންވާ ބަޔަކު، ހިންގި އަޑި ނުބައި ބަޣާވާތަކަށްފަހުއެވެ. އެގޮތުން، ރައީސް އަމީނުގެ ވެރިކަން 7 މަހާއި 21 ދުވަހުގެ ތެރޭގައި ވައްޓާލިއެވެ. ރަސްކަމަކަށް ނިޒާމު ބަދަލުވެ، މިފަހަރު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ މުޙައްމަދު ފަރީދު ދީދީއެވެ.

އައްސުލްޠާން ފަރީދު ދީދީގެ ރަސްކަމުގައި ރާއްޖޭގެ ބޮޑު ވަޒީރަކަށް އައްޔަން ކުރެއްވި ފާމުލަދޭރި ކިލެގެފާނު އިސްތިއުފާ ދެއްވުމާއިއެކު، ދެން ބޮޑު ވަޒީރުކަމަށް އައްޔަން ކުރެވުނީ ވެލާނާގެ އަލްފާޟިލް އިބްރާހިމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. ނާޞިރު ބޮޑުވަޒީރުކަމަށް އިސްކުރެވުމާއިއެކު، ޖުމްހޫރީ ބަގީޗާއެއްގެ ވަސް އަނެއްކާވެސް، ދުވަން ފެށިއެވެ. ނާޞިރުގެ ބޮޑުވަޒީރުކަމުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބީއަކީ، ޝައްކެއްވެސް ނެތް ގޮތުގައި އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުމެވެ. ކޮންމެއަކަސް މި ކާމިޔާބީ އާއިއެކު، ކުރިން ދެންނެވި ޖުމްހޫރީ ބަގީޗާގެ ވަސް އިތުރަށް ގަދަވެގެން ދިޔައެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އަނެއްކާވެސް ވާހަކަތައް ދެކެވި، ސިޔާސީ މަސްރަޙުގައި އުޅުއްވާ ޢިއްޒަތްތެރިންގެ މެދުގައި މަޝްވަރާތަކެއް ފެށިގެން ދިޔައެވެ.

މި ވާހަކަތަކާއި، މަޝްވަރާތަކުގެ ތެރެއިން 1967 ވަނަ އަހަރު ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ބިލެއް ހުށަހެޅުނެވެ. މި ބިލުގައި އޭރުގެ މަޖިލީހުގެ ގިނަ މެންބަރުން ވޯޓު ދެއްވީ، ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ޤާއިމް ކުރުމަށެވެ.. މިގޮތަށް ފާސްވުމާއި ގުޅިގެން 15 މާރޗް 1968 ވަނަ އަހަރު ރައްޔިތުންގެ ޢާންމު ވޯޓެއް ނެގުނެވެ. މި ވޯޓުގައި ބައިވެރިވި 81 އިންސައްތަ މީހުންގެ އަޣުލަބިއްޔަތުން ހޮވުނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކުރުމަށެވެ. އެއަށްފަހު 11 ނޮވެންބަރު 1968 ވަނަ އަހަރު ކެބިނެޓު އިޢުލާނުކޮށް، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިބްރާހިމް ނާޞިރު އައްޔަން ކުރެވި، ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާއެއްގައި މަޤާމުގެ ހުވާ ރައީސް ނާޞިރު ކުރެއްވިއެވެ.

ރައީސް ނާޞިރު 10 އަހަރު، ޖުމްލަ 2 ދައުރު ވެރިކަން ކުރެއްވިއެވެ. އަދި ރައީސް ނާޞިރު 3 ވަނަ ދައުރެއް ވެސް ފުރިހަމަ ކުރައްވަން، ރައްޔިތުންގެ މަޖިލީހުން ނިންމެވުމާއިއެކު، އެކަން ޤަބޫލުނުކުރައްވާ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ޢާއިލާ އާއިއެކު، ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. ދެން ރާއްޖޭގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ 92.9 އިންސައްތަ އަޣުލަބިއްޔަތުން ހޮވިވަޑައިގަތީ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގަތުމުގެ ކުރިން، ރައީސް މަޢުމޫން ހުންނެވީ ޓްރާންސްޕޯޓު މިނިސްޓަރުކަމުގެ މަޤާމުގައެވެ. ދިގު 30 އަހަރުގެ މުއްދަތެއް ވެރިކަން ކުރައްވާ، ޖުމްލަ 6 ދައުރު ރައީސް މަޢުމޫން ފުރިހަމަ ކުރެއްވިއެވެ.

ރައީސް މަޢުމޫނުގެ ވެރިކަމުގެ ފަހުކޮޅު، ދިމިޤުރާތީ ޖުމްހޫރީ ނިޒާމަކަށް ރާއްޖޭގެ ޖުމްހޫރީ ނިޒާމު ބަދަލު ކުރަންޖެހޭނެކަމަށް ގިނަ ބަޔަކު އިހުތިޖާޖު ކުރަން ފެށިއެވެ. މަލްޓި ޕާޓީ ސިސްޓަމެއް ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ޚިޔާލު ފާޅުކުރަން ފެށިއެވެ. ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގޮވާލަން ފެށިއެވެ.

މިކަމުގެ ނަތީޖާއަކަށްވީ 2008 ވަނަ އަހަރު އެކުލަވާލެވުނު އައު ފެހި ޤާނޫނު އަސާސީ އައިއެކު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިމިޤުރާތީ އިންތިޚާބެއް ބޭއްވުމެވެ. މި އިންތިޚާބު ދެވަނަ ބުރަށް ގޮސް، ރައީސް މަޢުމޫނާއި ވާދަކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވީ ކެނެރީގޭ މުޙައްމަދު ނަޝީދެވެ. މިއާއެކު، ރައީސް ނަޝީދު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސަކަށް ހޮވިވަޑައިގެން، މަޤާމުގެ ހުވާ ކުރެއްވިއެވެ. ވެރިކަމުގެ ދައުރު ހަމަނުވަނީސް، 2012 ވަނަ އަހަރު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދުގެ ނައިބަކަށް ހުންނެވި، ޑރ. ވަޙީދު ހަސަން މަނިކެވެ. ރައީސް ނަޝީދުގެ ދައުރުގައި ބާކީ އޮތްބައި، ރައީސް ވަޙީދު ފުރިހަމަ ކުރެއްވިއެވެ.

ރައީސް ވަޙީދަށްފަހު ރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވުނު ދިމިޤުރާޠީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، މަޤާމުގެ ހުވާ ކުރެއްވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ. ރައީސް ޔާމީން ހުވާ ކުރެއްވީ އެކަމަށް ޚާއްސަކޮށް ދަރުބާރުގޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.

ރައީސް ޔާމީންގެ 5 އަހަރު ނިމި، 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙެވެ. ރައީސް ޞޯލިހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސެވެ. ރައީސް ޞޯލިޙުގެ 5 އަހަރުގެ ދައުރު މިއަދަށް ހަމަވާނެއެވެ.

ދެން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނީ ޑރ. މުޙައްމަދު މުޢިއްޒެވެ. ޑރ. މުޢިއްޒު މަޤާމުގެ ހުވާ މިއަދު ކުރައްވާއިރު، ޑރ. މުޢިއްޒު ވެރިކަމަށް އިންތިޚާބު ވެވަޑައިގަތީ މިދިއަ ސެޕްޓެންބަރުމަހު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހުއެވެ. ޑރ. މުޢިއްޒު ވެވަޑައިގަންނަވާނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވަލީޢުލްއަމްރުގެ މަޤާމާއި ހަވާލުވެވަޑައިގަންނަވަނީ، ރާއްޖޭގެ ތަރައްޤީގެ ތިލަފަތް ފުރާ ބަރު ކޮށްލުމަށްޓަކައިއެވެ. ރާއްޖޭގެ އިޤުތިޞާދު އައު އުސްމިންތަކަކަށް ގެންދިއުމުގެ ފޮނި އުންމީދުގައެވެ. ދެފުށްފެންނަ، ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ދިވެހިރާއްޖެއަކީ އަމިއްލަވަންތަ ޤައުމެއްކަމަށާއި، ޚާރިޖީ ގުޅުން ކޮންމެ ޤައުމަކާއިއެކު ބޭއްވި ނަމަވެސް، އިސްކުރާނީ ދިވެހި ޤައުމުކަމަށް ވިދާޅުވަމުންނެވެ. ކުރުކޮށް ދަންނަވާނަމަ، ދިވެހިން އެދޭފަދަ، ދިވެހިންގެ ރާއްޖެއަކަށް ދިއުމުގެ ޢަޒުމުގައެވެ.