އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ވަރުގަދަ ނިއު ޒީލަންޑް ބަލިކޮށް، ޕާކިސްތާނުން ސެމީ ފައިނަލުގެ އުއްމީދު އައުކޮށްފިއެވެ.
ބެންގަލޫރުގައި ހުންނަ އެމް. ޗިންނަސުވާމީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާކިސްތާން މޮޅުވީ 21 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ޕާކިސްތާނުން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ޒީލަންޑް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 401 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 94 ބޯޅައިން 108 ލަނޑު ހެދި ރަޗިން ރަވިންދްރާ އާއި 79 ބޯޅައިން 95 ލަނޑު އެއްކުރި ކޭން ވިލިއަމްސަންއެވެ. މި އިނިންގްސްގައި ޕާކިސްތާނުގެ މުޙައްމަދު ވަސީމް ވަނީ 10 އޯވަރުގައި 60 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ޕާކިސްތާން ކުޅެން އެރިއިރު، ވިއްސާރަވުމުގެ ސަބަބުން މި މެޗުގައި ވަނީ ތިން ފަހަރަށް މެދުކަނޑާލާފައެވެ. އަދި ތިންވަނަ ފަހަރަށް ކުޅުން މެދުކަނޑާލިއިރު 25.3 ވަނަ އޯވަރުގައި ޕާކިސްތާނުން ވަނީ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 200 ލަނޑު ހަދާފައެވެ. އެއާއެކު މެޗުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންދެވުމާއެކު، ޑަކްވޯތު-ލުއިސް މެތަޑަށް ބެލުމަށްފަހު އަމްޕަޔަރުން ވަނީ 21 ލަނޑުން މި މެޗުން ޕާކިސްތާން މޮޅުވީ ކަމަށް ނިންމާފައެވެ.
މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 81 ބޯޅައިން 126 ލަނޑު ހެދި ފަޚަރް ޒަމަން އާއި ނުބައިނުވެ 63 ބޯޅައިން 66 ލަނޑު އެއްކުރި ޓީމުގެ ކެޕްޓަން ބާބަރު އާޒަމްއެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ސެމީގެ އުއްމީދު ޕާކިސްތާނުން އައުކުރިއިރު، ސެމީއަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. ޕާކިސްތާން މި ވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އަދި ނިއު ޒީލަންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި އަށް މެޗުން އަށް ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް ވަނީ އޮސްޓްރޭލިއާ އަތުން 33 ލަނޑުން ބަލިވެފައެވެ. އެއާއެކު އިންގްލަންޑް އޮތީ ތާވަލުގެ ފުލުގައި ހަތް މެޗުން އެންމެ ދެ ޕޮއިންޓާއެކުއެވެ. އަދި އޮސްޓްރޭލިއާ އޮތީ ތާވަލުގެ ތިންވަނައިގައި ހަތް މެޗުން 10 ޕޮއިންޓާއެކުއެވެ.