ޚަބަރު

މީޑިއާ ކައުންސިލަށް ލިބެންޖެހޭ 6ލައްކައަށްވުރެ ގިނަ ރުފިޔާ ނުހޯދިވޭ: އޮޑިޓް ރިޕޯޓް


  • މީޑިއާ ކައުންސިލް މެމްބަރުންގެ ލިވިންގ އެލަވަންސްގެ ތެރެއިން 675000 ރުފިޔާ ނުލިބޭ

  • މިފައިސާ ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށައަޅާ ފައިސާ އަނބުރާ ދެއްކުމަށްވަނީ ޙުކުމްކޮށްފައި

  • މީޑިއާ ކައުންސިލްގެ ޚަރަދުތައް ހަމަޖައްސާފައިވަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނަށް ދޫކޮށްފައިވާ ލިވިންގ އެލަވަންސް ފައިސާގެ ތެރެއިން އެކައުންސިލަ އަނބުރާ ލިބެންޖެހޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވިދާޅުވީ އެކައުންސިލްގެ ފުރަތަމަ ދައުރުގައި ތިއްބެވި 15 މެމްބަރަކަށް ލިވިންގ އެލަވަންސްގެ ގޮތުގައި އެއް މިލިއަން ބާރަހާހަށްވުރެ ގިނަ ރުފިޔާ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން 10 މެމްބަރުންގެ އަތުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބެންޖެހޭ ހަލައްކަ ހަތްދިޔަ ފަސްހާސް ރުފިޔާ ނުލިބި ހުރިކަން އޮޑިޓަށް ފާހަގަވެފައިވާކަމަށްވަނީ ބަޔާންކުރައްވާފައެވެ.

މިފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން ކޯޓަށް ދިޔުމުން މިފައިސާ ދައުލަތަށް އަނބުރާ ދެއްކުމަށް ދަށު ކޯޓުންވަނީ ޙުކުމްކޮށްފައެވެ. މި ޙުކުމް މަތީ ކޯޓުގައި އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުންވަނީ މިމައްސަލަ ދައުލަތާއި އެއްކޮޅަށް ނިންމަވާ އެފައިސާ ދައުލަތަށް ލިބެންޖެހޭކަމަށް ކަނޑައަޅާފައެވެ. އެހެންނަނަމަވެސް ޙުކުމަށް އަހަރެއްވެގެންދިޔައިރުވެސް މިފައިސާ ޝަރީޢަތުން ކަނޑައަޅާފއިވާގޮތަށް އަނބުރާ ދައްކާފައި ނުވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނުގައިވަނީ ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ފައިސާ ނުލިބިއްޖެނަމަ އިތުރު މުހުލަތުތަކެއް ދިނުމަށްފަހު ޝަރީޢަތް މެދުވެރިކޮށް ފައިސާ ހޯދުމަށްވަނީ އަންގާފައެވެ. އެހެންނަމަވެސް މީޑިއާ ކައުންސިލަށް ލިބެންޖެހޭ 675000 ރުފިޔާ ޝަރީއަތް މެދުވެރިކޮށްވެސް އަދި ލިބިފައެއް ނުވެއެވެ.

މީޑިއާ ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ކަންކަމަށް ބަލާއިރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އެކައުންސިލުން ޚަރަދުތައް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަޤްސަދު ޙާސިލްވާގޮތަށް ކަނޑައަޅާފައިވާ ކަންކަން ޙާސިލުވާނެހެން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި މާލިއްޔަތު ގަވާއިދާއެއްގޮތަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް 2022 ވަނަ އަހަރު ކަނޑައަޅާފައިވަނީ ފަސް މިލިއަން ސައްބީސްހާސް ރުފިޔާގެ ބަޖެޓެކެވެ. މީގެތެރެއިން ޚަރަދުތައް ހަމަޖެއްސުމަށްފަހު އަހަރު ނިމުނުއިރު އެއްލައްކަ އައްޑިހަހާހަށްވުރެ ގިނަ ފައިސާ ހުރިކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.