ޖަރުމަން ލީގުގައި ރޭ އިނގިރޭސި ކެޕްޓަން ހެރީ ކޭން ހެދި ހެޓްރިކާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވާދަވެރި ބުރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފިއެވެ.
ޑޯޓްމަންޑް ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ބަޔާންގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރ ޑަޔޮޓް އުޕަމެކާނޯއެވެ. ދެން މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ބަޔާނަށް ކާމިޔާބުކޮށްދިނީ ކޭންއެވެ. އެގޮތުން ބަޔާންގެ ދެވަނަ ލަނޑު ކޭން ކާމިޔާބުކޮށްދިނީ މެޗުގެ ނުވަވަނަ މިނިޓުގައެވެ. އެއާއެކު ފުރަތަމަ ހާފް ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގެ ބޮޑު ބަޔަކާ ހަމަޔަށް ދެ ލަނޑުގެ ލީޑަކާއެކު ކުރީގަ އޮތީ ބަޔާންއެވެ. ބަޔާން ތިންވަނަ ލަނޑު ކޭން ކާމިޔާބު ކުރީ މެޗުގެ 72 ވަނަ މިނިޓުގައެވެ. އަދި ކޭން އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ ކޭން ވިދިވިދިގެން ހެޓްރިކް ފުރިހަމަ ކުރި ދެވަނަ މެޗެވެ. އެއާއެކު އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން ކޭން ވަނީ 15 ލަނޑު ކާމިޔާބުކޮށްފައެވެ.
މި މޮޅާއެކު ބަޔާން ދެވަނައިގައި އޮތީ އެއްވަނަގައި އޮތް ބަޔާ ލެވަކޫސަނަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެން 26 ޕޮއިންޓާއެކުއެވެ. އަދި ރޭގެ މެޗުން ބަލިވި ޑޯޓްމުންޑް އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.