ޚަބަރު

ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވަން: އީވާ


  • މީގެ ކުރިން ޖަލްސާ ކުރިއަށް ގެންދެވިފައި ނުވަނީ އީވާ ސަލާމުގައި ހުންނެވުމުން

  • އެމްޑީޕީންވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި

  • ކޯޓުގައި މައްސަލަ އޮއްވާ، މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލައާ ގުޅޭ ކަންކަމާމެދު އެކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ކޮންމެ ދުވަހެއްގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނަވާތީ މިޖަލްސާ ބޭއްވޭ ގޮތެއް ވަނީ ނުވެފައެވެ. އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

އީވާ ސަލާމުގައި ހުންނެވުމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީން ސުޕްރީމް ކޯޓަށްވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އަދި އެކޯޓުންވަނީ އެމައްސަލަ ބަލައިގަނެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައެވެ.

މަޖިލީހުގެ އަމީން އާންމަށް އެޑްރެސްކުރައްވާ އީވާ އިއްޔެ ފޮނުއްވި ސިޓީއެއްގައިވަނީ މަޖިލީހުގެ ރައީސްކަމުން ރައީސް، މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލައާ ގުޅޭ ކަންކަމާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ. މިއާއެކު މިއަދު ބާއްވަން އޮތް ޖަލްސާވެސްވަނީ ކެންސަލްވެފައެވެ.

އީވާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަގައި، ކޯޓުން ގޮތެއް ނުނިންމަނީސް، މަޖިލީހުން ވަކިގޮތެއް އިޚްތިޔާރުކޮށްގެން ކުރިއަށް ދިއުމަކީ މަޖިލީހުން ކުރިންސުރެ ޢަމަލުކުރަމުން އަންނަ ގޮތެއް ނޫން ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް އިޚްތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށްވާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް އީވާ ވިދާޅުވެފައިވެއެވެ.

"ކޯޓުން ގޮތެއް ކަނޑަނާޅަނީސް ކޯޓަށް ދިޔަ ފަރާތުން ކޯޓުން އަންނާނެ ނިމުމަކަށް ބެލުމެއް ނެތި އަނެއްކާވެސް މަޖިލީހުގައި ވަކިގޮތަކަށް ކަންކުރުމަށް މަސައްކަތްކުރުންވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިޙްތިރާމް ކުޑަކުރުން ކަމަށް ދެކެން" އިވާ ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގައި ހިނގަމުންދާ މިމައްސަލައިގެ ތެރެއަށް މަޖިލީސް ތަމްސީލްކުރާ އެހެން ޕާޓީތަކުންވެސްވަނީ ތަދައްޚުލްވެފައެވެ. އޭގެތެރޭގައި ރައީސް ނަޝީދު މިހާރު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުންވެސް މިމައްސަލައަށް ތަދައްޚުލް ވާން ނިންމާފައިވާކަން ޕީޕީއެމުންވަނީ ހާމަކޮށްފައެވެ.