ޚަބަރު

އިންސާނީ ވަސީލަތް ބިނާކުރުމުގައި ބަންގްލަދޭޝްގެ އެހީތެރިކަން


ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މަސައްކަތްތައް މިއަހަރު ފެށުމުން ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހި ވެގެންދާނެކަމަށް ރާއްޖޭގެ ޞިހަތާއި ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޞިއްހަތާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 45 ވަނަ މިނިވަންދުވަސް އަދި ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝް އާ ދެމެދު މީގެ 37 އަހަރު ކުރިން ޤާއިމް ކުރެވުނު ގުޅުންތައް ދަނީ ދުވަހެއް ދުވަހަކަށް ހަރުދަނާ ވަމުންކަމަށެވެ. އަދި މިގޮތުން ބަންގްލަދޭޝަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށާއި، ޙާއްސަކޮށް ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމުގައި ބޮޑު އެހީތެރިކަމެއް ވެދެމުން އަންނަ ޤައުމެއްކަން މިނިސްޓަރ އިރުތިޝާމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ސަޤާފީ ގުޅުމަކީވެސް ފާހަގަކޮށްލަން ޖެހޭ ވަރުގެ ޤާތްގުޅުމެއްކަމަށެވެ. އަދި ޤާއިމްކުރެވިފައިވާ ޖޮއިންޓް ކޮމިޝަންގެ ޒަރިއްޔާއިން ރާއްޖޭއާއި ބަންގްލަދޭޝްގެ ދިފާއީ، ވިޔަފާރީގެ އަދި ޓުއަރިޒަމްގެ ދާއިރާއިން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޤުފަހިވެގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް މަސައްކަތްކުރާ އެންމެ ގިނަ އަދަދެއްގެ ބޭރުގެ މަސައްކަތްތެރިންނަކީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަކުރައްވާ، މިކަމައްޓަކައި ބަންގްލަދޭޝްގެ ރައްޔިތުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާޢްޖޭގެ ތަރައްޤީއާއި އިޤްތިސާދީ ކުރިއެރުމަށް ބަންގްލަދޭޝުން ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ހައިކޮމިޝަނަކީ ރާޢްޖޭގެ އެކި ވުޒާރާތަކާއި އެކު ވަރަށް ގާތުން މަސައްކަތްކުރަމުންދާ ހައިކޮމިޝަނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ބަންގްލަދޭޝަކީ ސަރަހައްދީ ކަންކަމުގައިވެސް، ހާޢްސަކޮށް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލަތަކުގައި ރާއްޖެއާ އެކުގައި ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރާ ޤައުމެއްކަމަށެވެ.