ސިއްހަތު

މިއަހަރު ބަނގްލަދޭޝުން 100 ޑޮކްޓަރުން ގެންނަނީ


މިއަހަރުގެ ތެރޭގައި ބަންގްލަދޭޝުން ރާއްޖެއަށް 100 ޑޮކްޓަރުން ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދާކަމަށް ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާގައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް ކާޒީ ސަރްވާރް ހުސައިން ވިދާޅުވެއްޖެއެވެ.

ހައިކޮމިޝަނަރ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 45ވަނަ މިނިވަންދުވަސް އަދި ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.ބަންގްލަދޭޝްގެ 45 ވަނަ މިނިވަން ދުވަސް އަދި ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޤައުމުން ރާޢްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެޤައުމުން މިނިވަންކަން ހޯދުމަށ ކުރި ދަތުރުގެ މައްޗަށް އަލިއްޅުއްވާލައްވާފައެވެ. އަދި އެޤައުމަކީ ދުނިޔޭގައިވެސް އެންމެ ބާރު ދުވެއްޔެއްގައި ކުރި އަރަމުން އަންނަ އެއް އިޤްތިސޯދުކަމަށް ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނަރ ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ބަންގްލަދޭޝްއާއި ރާއްޖޭގެ ގުޅުން ވަރަށް ބަދަހިވެގެން ދިޔަ އަހަރުތަކެއްކަމަށް ފާހަގަކުރެއްވިއެވެ. ހައިކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ބަންގްލަދޭޝުން 30 ޑޮކްޓަރުން ގެނެސްފައިވާކަމަށެވެ. އަދި މިއަހަރުތެރޭގައި ބަންގްލަދޭޝުން އިތުރު ޑޮކްޓަރުން ރާޢްޖެއަށް ގެނައުމަށާއި، އެހެން ދާއިރާތަކުންވެސް ރާޢްޖެއަށް އެހީތެރިވާން ބަންގްލަދޭޝުން މަސައްކަތްކުރާނެކަމަށް ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިތުރު ދަރިވަރުންނަށް ބަންގްލަދޭޝްގައި ސިއްހީ ދާއިރާއިން ޓްރެއިނިންގް ދިނުމަށާއި، ބަންގްލަދޭޝުން ރާއްޖެއަށް ބޭސް އެތެރެކުރުމާއި، މިހާރަށް ވުރެން ގާތުން ރާއްޖޭގެ ޞިއްހީ ވުޒާރާއާއި އެކު ގުޅިގެން ބަންގްލަދޭޝުން މަސައްކަތްކުރާނެކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައިކޮމިޝަނަރ ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ދިރިއުޅުމުގެ އަދި މަސައްކަތުގެ މާހައުލުގެ ހާލަތުވެސް މިހާރު ރަގަޅުވަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސަރުކާރުން އިސްނަންގަވައިގެން ކުރިޔަށް ގެންދާ ޝެއާރޑް ރެސްޕޮންސަބިލިޓީ ޕްރޮގްރާމްގެ ދަށުން ސައްހަ ޑޮކިއުމެއްޓްތަކާއި ނުލާ ރާއްޖޭގައި މަސައްކަތްކުރަމުންދާ ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ޑޮކިއުމެންޓް ތައް އުފެއްދުމަށް އަދި އަމިއްލަ ޤައުމަށް އަންބުރާ ދިއުމަށް ފުރުސަތު ދީފައިވާތީ ހައިކޮމީޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޞިހަތާއި ބެހޭ ވަޒީރު، އިރުތިޝާމް އާދަމް ވިދާޅުވީ ބަންގްލަދޭޝުން ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވެފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަމަށެވެ. މިގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފާރާތްތަކެއް ޓްރެއިނިންގް ހޯދާފައިވަނީ ބަންގްލަދޭޝުންކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ރާޢްޖޭގެ 300 އަށްވުރެ ގިނަ ދަރިވަރުން ބަންގްލަދޭޝުން ޑޮކްޓަރުކަން ކިޔަވަމުން ގެންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބަންގްލަދޭޝަން ޓްރެއިނިންގްތަކަށް ދާ ފަރާތްތަކުން އެޤައުމުން ލިބޭ މެހްމާންދާރީއާޢި މެދު ތައުރީފްކުރާކަމަށާއި މިހާރު އިތުރު 111 އިންޓާރންޝިޕް ބަންގްލަދޭޝުން ރާޢްޖެއަށް ދީފައިވާކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފާއި، ރާއްޖޭގެ އެހެން އޮފިޝަލުންގެ އިތުރުން، ރާއްޖޭގައި ހުންނަ އެހެން ހައިކޮމިޝަންތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ގޮފިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

1971ވަނަ އަހަރު ޕާކިސްތާންގެ ކިބައިން މިނިވަންކަން ހޯދި ބަންގްލަދޭޝްއަކީ މިސަރަހައްދުގައިވެސް އަދި ދުނިޔޭގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިސާދެވެ. ދުނިޔޭގެ އެންމެ ގިނަ ފޮތި އުފައްދާ ކާރުޚާނާތައްވެސް ޤާއިމްވެފައިވަނީ ބަންގްލަދޭޝްގައެވެ. ވޭތުވެދިޔަ ހަތަރު ފަސް އަހަރުތެރޭގައިވެސް ބަންގްލަދޭޝްގެ ޖީޑީޕީވަނީ 6 ޕަސަންޓްގައި ހިފަހައްޓާފައެވެ.