ޚަބަރު

ކްރިމިނަލް ކޯޓު އާ ޢިމާރާތަކަށް ބަދަލުކޮށްފި


ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން އެކޯޓު އެސްޓީއޯ ހެޑް އޮފީސް ކުރިން ހުރި ޢިމާރާތަށް ބަދަލުކުރައްވައި މަސައްކަތް ފަށްޓަވައިފިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގައި ހުންނަ އެސްޓީއޯ ހެޑް އޮފީހުގެ ކުރީގެ ޢިމާރާތަށް، ކްރިމިނަލް ކޯޓް ބަދަލުކުރެއްވުމާއެކު ކުރިން އެ ޢިމާރާތުގައި ހިންގަވަމުން ގެންދެވި ސިވިލް ކޯޓުގެ ސެކްޝަންތައް ވަނީ ޖަސްޓިސް ބިލްޑިންގަށް ބަދަލުކުރައްވައިފައެވެ. ކްރިމިނަލް ކޯޓް ހިންގަވާ ޢިމާރާތް ބަދަލުކުރެވުމުން، އެކޯޓްގެ ޖާގައިގެ ދަތިކަން މުޅިން ޙައްލުވެގެން ގޮސްފައިވާކަމަށާއި، މިހާރު ހުރި ޢިމާތާތައް ބަދަލުކުރެވުމާއެކު ކްރިމިނަލް ކޯޓުގެ ޖާގަ 2 ގުނައަށް އިތުރުވެފައިވާކަމަށް ޖުޑީޝަރީން ހާމަކުރައްވައެވެ.

އެގޮތުން ކުރިން ކްރިމިނަލް ކޯޓުގައި ޝަރީޢަތްކުރާ 6 މާލަން ހުންނައިރު މިހާރު ޝަރިއްޔަތް ކުރާނެ 12 މާލަން ހުރެއެވެ. އާ ޢިމާރާތައް ބަދަލުކުރެއްވުމާއެކު އެކޯޓުގެ ޖާގަ 9000 އަކަފޫޓުން 18000 އަކަފޫޓަށް ވަނީ އިތުރުވެފައެވެ. ޝަރުޢީ ދާއިރާއިން ވަނީ ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގައި ހުންނަ އެސްޓީއޯ ހެޑް އޮފީސް ކުރިން ހުރި ޢިމާރާތް ކްރިމިނަލް ކޯޓު ހިންގެވުމަށް އެންމެ އެކަށީގެންވާގޮތަށް 2013 ވަނައަހަރު ފަރުމާކުރައްވައިފައެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔަ ޢިމާރާތަށް ގެނެވުނު ބަދަލާއެކު، އެކޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުށުގެ ތުހުމަތުގައި ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކާއި ކޯޓުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތައް މަސްހުނިނުވެ، ކޯޓުގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް މަގުފަހި ވެގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.