61 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް މުޙައްމަދު ޝައްފާން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޝައްފާން ހޯދީ މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފައިނަލުގައިވެސް ކުޅުނު މޫސާ މުންސިފް އަޙްމަދާ ވާދަކޮށްގެންނެވެ. ރޭ ކުޅުނު ފައިނަލް މެޗު ޝައްފާން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 4-1 ސެޓުންނެވެ.
މީގެ އިތުރުން އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު ޖުމާނާ ނިމާލް ސީދާ ހަތަރު ސެޓުން ބަލިކޮށްގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ޖެހިޖެހިގެން ހޯދި ހަތަރުވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުން ދީމާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ. ނަމަވެސް މި އަހަރުގެ ޤައުމީ މުބާރާތުގައި ރަފާ ވާދަކޮށްފައެއް ނުވެއެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އައިޝަތު އަލްސާ ނާފިޒް ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޔަޒީން ހުސެއިން ޝަރީފެވެ.
15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން މިޝްކާ މުޙައްމަދު އިބްރާހީމާއި މިންހާ މަހްޖޫބު ސުޖާއުގެ ޕެއާއިން ހޯދިއިރު، ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އުމެއިރު މުޙައްމަދު މުއިއްޒު އާއި މުހައްމަދު ޚަލަފް ރާފިއުގެ ޕެއާއިންނެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން މިޝްކާ ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އުމެއިރެވެ.
މި މުބާރާތުގެ 17 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ މިންހާ އާއި ޒީކް ހަސަން ލަތީފުގެ ޕެއާ އިންނެވެ. އަދި މި އުމުރުފުރާގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ދީމާ އާއި މިޝްކާގެ ޕެއާ އިންނެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒީކް އާއި އުމެއިރުގެ ޕެއާ އިންނެވެ. 17 އަހަރުން ދަށުގެ ސިންގަލްސްގެ ޗެމްޕިއަންކަން ދީމާ ހޯދިއިރު، މި އުމުރުފުރާގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ޒީކެވެ.
މީގެ އިތުރުން ވެޓެރަންސް ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ލަތީފް (ސީވީޑް) ހޯދިއިރު، ފުރަތަމަ ޑިވިޝަނުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޖުމާނާ އާއި މުންސިފުގެ ޕެއާއިންނެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ޝައްފާނާއި މުހޙައްމަދު ތާބިން ސުޖާއުގެ ޕެއާ އިންނެވެ.