ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ އެންމެ ވާދަވެރި ގުރޫޕުން ކުއާޓާގެ ފަހުގެ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ ކަށަވަރުކުރި އިރު ކޭސީސީއާރުސީ ކޮޅަށް 12 ގޯލް ޖަހައި ދިރާގުން ޔަގީންކަން ބޮޑުކޮށްފިއެވެ.
މިމެޗުން މޮޅުވެގެން ނޫން ގޮތަކަށް ކަސްޓަމްސްއަށް މުބާރާތުގައި ކުރިއަށް ދެވެން ނެތުމުން މެޗު މިމެޗަކީ ވަރަށް ޕްރެޝަރު އަދި ފޯރިގަދަވާނެ މެޗަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ. މުބާރާތުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ވާދަވެރި އަދި ފޯރިގަދަ މެޗަކަށް މިމެޗު ވެގެން ގޮސްފައިވާއިރު މިމެޗު ނިމިގެން ދިޔައީ 4-4 އިން ދެޓީމު އެއްވަރު ވެގެންނެވެ.
މިމެޗުގައި އުރީދޫއަށް ގޯލްތައް ޖެހީ ޖުމައިލް ޖަމީލާއި، ހުސެއިން ޝަރީފްގެ އިތުރުން މުސްއަބު އަހުމަދެވެ. ކަސްޓަމަށް ގޯލްތައް ކާމިޔާބު ކުރީ ޝާމިން މުހައްމަދާއި މައުފޫޒް އާދަމްއެވެ. މިމެޗަކީ މިހާތަނަށް މުބާރާތުގެ އެންމެ ގިނަ ކާޑުވެސް ފެނިގެން ގޮސްފައިވާ މެޗެވެ. މިމެޗުގައި 6 ރީދޫ ކާޑާއި، ރަތްކާޑެއް ވަނީ ފެނިގެން ގޮސްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުރީދޫއަށް ދެގޯލް ކާމިޔާބުކުރި ޖުމައިލް ޖަމީލެވެ. ތިން ޓީމުގެ ހިމެނޭ މި ގުރޫޕުގް ކުއާޓާގެ ޖާގަ ޔަގީން ކުރި އަނެއް ޓީމެވެ.
މުބާރާތުގެ ކުއާޓާގެ ޖާގަ ޔަގީން ކުރި މިމެޗު ދިރާގުން ކާމިޔާބު ކުރީ 12-3 އިންނެވެ. މިމެޗުގައި ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިމެޗުގައި ދިރާގަށް ރިމާހު ވަނީ 4 ގޯލް ޖަހާފައެވެ. ޝަނީޒް ހެޓްރިކް ހަދާފައިވާއިރު، ހަސަން ހުސެއިން ދެގޯލް، އިރުފާނާއި، ޝިރުހާނާއި، އީގާން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ.
މިމެޗުގައި ކޭސީސީއާރުސީއަށް ގޯލްތައް ކާމިޔާބު ކުރީ ޖައުފަރާއި، ހަސަން ހުސެއިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ދިރާގަށް 4 ގޯލް ޖަހައި މެޗުގެ މޮޅު ކުޅުމެއް ދެއްކި ރިމާހުއެވެ.
މީގެއިތުރުން މުބާރާތުގައި ރޭ އެމްއެންޑީއެފް، އަފީފުއްދީން އަތުން ފަސޭހަ މޮޅެއް ވަނީ ހޯދާފައެވެ.
މިމެޗާއި ކުރިމަތިލިއިރުވެސް މުބާރާތުން ކަޓާފައިވާ އަފީދުއްދީން އަތުން ކުއާޓާގެ ޖާގަ ޔަގީންކުރި އެމްއެންޑީއެފް މިމެޗު ކާމިޔާބު ކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި އެމްއެންޑީއެފަށް ކާމިޔާބުކުރި 7 ގޯލުގެ ތެރެއިން 5 ގޯލް ކާމިޔާބު ކޮށްދިނީ ތައުމީމް ނޫހުއެވެ. އަނެއް ތިން ގޯލްޖެހީ އަބޫބަކުރު ޒަކަރިއްޔާއާއި، ހުސެއިން ހާފިޒުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައުމީމްއެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.
މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންދަލިޔާ ބުކްޝޮކް އަދި ސީންއެވެ.