ދެވަނަ ޑިވިޝަނަށް ތައްޔާރުވަމުން އަންނަ ވިކްޓަރީ ސްޕޯޓްސް ކުލަބަށް މި ސީޒަނާ އަލަށް ގުޅުނު ކުޅުންތެރިން، އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
އިއްޔެ އޮތް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބިދޭސީ އެއް ކުޅުންތެރިޔަކު ފިޔަވާ ހުރިހާ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. މި ސީޒަންގައި ވިކްޓަރީން ވަނީ ބިދޭސީ ހަ ކުޅުންތެރިން ގެންނަން ނިންމާފައެވެ. އެހެންކަމުން މި ވަގުތު ޓީމާ ގުޅިފައިވަނީ ފަސް ކުޅުންތެރިންނެވެ.
މި ސީޒަނުގައި ވިކްޓަރީން ފެންނާނެ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު އުޒްބެކިސްތާނުގެ މިޑްފީލްޑަރު ފަރުޚް ޚައިދަރޯފް އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަށް ކުޅެފައިވާ ޕާކިސްތާނުގެ ޤައުމީ ޓީމުގެ ގޯލްކީޕަރު ހަނީފް ސާގިބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗް އާއި ޔޫވީ އާއީ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ކިރިގިސްތާނުގެ ފޯވާޑް އަނަޓޮލީ ލަސިޗޭފްގެ އިތުރުން ޔޫވީއަށް ކުރިން ކުޅުނު ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ހިމެނެއެވެ.
މީގެ އިތުރުން ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައިވެސް އެ ޓީމުގެ ގޯލްކީޕަރު ޓްރޭނަކަށް ހުރި ލަންކާގެ ޓްރޭނަރު ގެނެސްފައެވެ. ވިކްޓަރީގައި ތިބި ދިވެހި ކުޅުންތެރިންނަކީވެސް މިދިޔަ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނާއި ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އަނިޔާވުމާ ހަމައަށް ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަކުރަމް އަބްދުލް ޣަނީ އާއި، މުޙައްމަދު އުމެއިރާއި, ޑިފެންޑަރު އަޙްމަދު އަބްދުﷲ (ލިލީ) އާއި, މޫސާ ޔާމީން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ވިކްޓަރީގެ ކޯޗަކީ އެ ކުލަބުގެ ކުރީގެ ކުޅެންތެރިޔާ ސޮބާހު މުޙައްމަދެވެ. އަދި އެ ޓީމުގެ މެނޭޖަރަކީ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީއެވެ.