ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތިން އުމުރުފުރާއެއްގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ.
ދެ ޖިންސުގެ ޓީމުތައް ހިމެނޭ ގޮތަށް 19 ސްކޫލަކުން 42 ޓީމެއް ވާދަކުރި މި މުބާރާތުގައި ފ. އަތޮޅު މަދަރުސާއިން ޗެމްޕިއަންކަން ހޯދާފައިވަނީ 14 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ އިތުރުން 16 އަހަރުން ދަށުގެ އަންހެން ބައިންނެވެ.
މި އަހަރުގެ މުބާރާތުގައިވެސް ފ. އަތޮޅު މަދަރުސާއިން ތިން އުމުރުފުރާއެއްގެ ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެވެސް އެންމެ ކާމިޔާބު ސްކޫލަކީ ފ. އަތޮޅު މަދަރުސާއެވެ. އެގޮތުން އެ ސްކޫލުން ވަނީ އެ ފަހަރު ބައިވެރިވި ހުރިހާ އުމުރުފުރާއެއްގެ ފައިނަލުގައި ވާދަކޮށް، ތިން ފައިނަލް ކާމިޔާބުކޮށްފައެވެ. މި ފަހަރު ފ. އަތޮޅު މަދަރުސާއަށް ގެއްލުނު ހަމައެކަނި ފައިނަލަކީ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލެވެ.
14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ދިފާއުކުރީ ފައިނަލުގައި ވ. ކެޔޮދޫ ސްކޫލް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-7، 25-19 އަދި 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އަލޫފް އަބްދުﷲ އެވެ.
މި ފަހަރުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދީ ފައިނަލުގައި ތ. މަޑިފުށި ސްކޫލް 3-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-17، 25-15، 23-25 އަދި 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ ތޫގާ ތޮލާލެވެ.
ދެން މި ފަހަރުގެ މުބާރާތުގައި ފ. އަތޮޅު މަދަރުސާއިން ޗެމްޕިއަންކަން ހޯދާފައިވަނީ 16 އަހަރުން ދަށުގެ އަންހެން ބައިންނެވެ. މި ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދީ ފައިނަލުގައި އދ. ކުނބުރުދޫ ސްކޫލް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-9، 25-21 އަދި 25-14 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އީމާން އަލީއެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުނބުރުދޫ ސްކޫލުންނެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އދ. އަތޮޅު މަދަރުސާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-17، 25-20 އަދި 25-5 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލުގެ އަޙްމަދު އައިހަމް މުޙައްމަދެވެ.
މިއާއެކު މި އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ހަތަރު އުމުރުފުރާއެއްގެ ކުޅުން ނިމިގެންދިޔައިރު، 19 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.