އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ނިއު ޒީލަންޑް ބަލިކޮށް، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ދެކުނު އެފްރިކާ ޖެހިލައިފިއެވެ.
މަހަރާޝްޓްރާ ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ދެކުނު އެފްރިކާ މޮޅުވީ ފަސޭހަކަމާއެކު 190 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ނިއު ޒީލަންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު ދެކުނު އެފްރިކާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 357 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 118 ބޯޅައިން 133 ލަނޑު ހެދި ރަސީ ވެން ޑަ ޑަސަން އާއި 116 ބޯޅައިން 114 ލަނޑު އެއްކުރި ކުއިންޓޮން ޑެ ކޮކްއެވެ.
ޖަވާބުގައި ނިއު ޒީލަންޑް ކުޅެން އަރައި 35.3 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 167 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 60 ލަނޑު ހެދި ގްލެން ފިލިޕްސް އާއި 37 ބޯޅައިން 33 ލަނޑު އެއްކުރި ވިލް ޔަންގެވެ.
މި އިނިންގްސްގައި ދެކުނު އެފްރިކާގެ ކޭޝަވް މަހަރާޖް ވަނީ ނުވަ އޯވަރުގައި 46 ލަނޑަށް ހަތަރު ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ މާކޯ ޖެންސެން ވަނީ އަށް އޯވަރުގައި 31 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ސެމީއާ ގާތަށް ދެކުނު އެފްރިކާ ޖެހިލިއިރު، ސެމީއަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ދެކުނު އެފްރިކާއަށް ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޑިއާއިން ވަނީ ހަ މެޗުން 12 ޕޮއިންޓް ހަމަކޮށްފައެވެ. އަދި ދެކުނު އެފްރިކާ އަތުން ބަލިވި ނިއު ޒީލަންޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން އަށް ޕޮއިންޓާއެކުއެވެ.