ޚަބަރު

ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން ހުރަހެއް ނެތް - ކޮމިޝަން


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވައިފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ބައްޓަން ކުރައްވާނެ ގޮތުގެ ގައިޑްލައިންގެ ސަބަބުން އެކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

2014 ވަނައަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން ޢާންމުކުރައްވައިފައިވާ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބެއްލެވި ސުމޯޓޯ މައްސަލަ ނިންމަވައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތައް ބައްޓަން ކުރައްވާނެ ގޮތް ބަޔާންކުރައްވައި 11 ނުކުތާގެ މައްޗަށް އެކުލެވޭ ގައިޑްލައިނެއް ނެރުއްވައިފައިވެއެވެ. ބައެއް ފަރާތްތަކުން ވަނީ މި ގައިޑްލައިންގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނީ ބާރާއި މުސްތަޤިއްލުކަން ކެނޑިގެން ގޮސްފައިވާކަމަށް ބުނެ، ތަކުރާރުކޮށް ވާހަކަދައްކާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމަށް ރައްދުދެއްވައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ނާއިބު ރައީސް ޝިފާޤް މުފީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން އެކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިން ކޮމިޝަންގެ މެންބަރުން ސިފަކުރައްވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ޤާނޫނާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވާ އުޞޫލުތަކަށް ޢަމަލުކުރެއްވުމަށް ސުޕްރީމް ކޯޓުން އެކޮމިޝަނަށް ހަންދުމަފުޅުކޮށް ދެއްވުން ފަދަ ކަމެއް ގޮތުގައި ކަމަށް ޝިފާޤް ވިދާޅުވިއެވެ.

ޝިފާޤް ވިދާޅުވީ މިގައިޑްލައިނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކޮމިޝަންގެ މެންބަރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޤް ވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހިމެނޭ ނުކުތާތައް ވަކިވަކިން ވިދާޅުވެ، އެނުކުތާތަކުގެ ސަބަބުން ކޮމިޝަންގެ މަސައްކަތައް ހުރަހެއް ކުރިމަތި ނުވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިނަކީ އެކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ލިބިވަޑައިގެންނެވި އިތުރު ބާރެއްކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން 2015 ވަނައަހަރު ނެރުއްވައިފައިވާ ގައިޑްލައިންގައި މައިގަނޑު ގޮތެއްގައި އަމުރުކުރައްވައިފައިވަނީ ދިވެހިދައުލަތުގެ މޫރިތިކަން ރައްކާތެރިކުރެއްވުމަށް، ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރެއްވުމަށާއި، އެޗް.އާރ.ސީ.އެމުން މަޢުލޫމާތު އާންމުކުރައްވާއިރު ތެދު މަޢުލޫމާތު އާންމުކުރެއްވުމަށެވެ.