ސިއްހަތު

ރާއްޖޭގައި ޓީބީ ފެތުރިދާނެކަމުގެ ބިރު އަދިވެސް އެބައޮތް


ރާއްޖޭގައި ޓީބީ ފެތުރުން ކޮންޓްރޯލްކުރުމުގައި ރަނގަޅު ނަތީޖާތަކެއް ޙާޞިލްވެފައިވީނަމަވެސް ރާއްޖޭގައި މިބަލި އިތުރުވުމުގެ ބިރު އެބައޮތްކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ. ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މާރޗް މަހުގެ 24 ވަނަ ދުވަހެވެ.

ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ޓީބީ ބަލި ދެނެގަނެ ފަރުވާކުރުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރެވި، ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު، އެއްތަނުން އަނެއްތަނަށް ދަތުރުކޮށް، ޙަރަކާތްތެރިވުމުގައި ޓީބީ ފެތުރުމުގެ ޖާގައެބައޮތްކަމަށެވެ. އެގޮތުން ރާއްޖޭގައި މިބަލި ފެތުރުމުގެ ބިރުއޮތުމާއެކު ހުރިހާ ފަރާތްތަކުން ގުޅިގެން، ބަލި ނައްތާލުމަށާއި ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ 2030 ގެ ނިޔަލަށް ޓީބީ އެއްކޮށް ނައްތާލުމަށް މަސައްކަތްކުރުމަށް އަމާޒު ކަނޑައަޅާފައެވެ. މި އަމާޒަށް ވާޞިލްވުމަށް ރާއްޖެއިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އަރްވިންދު މާތޫރު ވިދާޅުވީ ދުނިޔެއިން ޓީބީ ނައްތާލުމުގެ އަމާޒަކީ ޙާޞިލްކުރެވޭނެ އަމާޒެއްކަމަށެވެ. އެގޮތުން ރާއްޖެއިން ޓީބީ ބަލި ކޮންޓްރޯލްކުރުމުގައާއި އެމްޑީޖީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ކަނޑައަޅާފައިވާ އަމާޒުގެ ކުރިން ރާއްޖެއަށް މިކަން ޙާޞިލްވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ޑަބްލިޔުއެޗްއޯ އިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޓީބީ ބަލި ހުރިތޯ ދެނެގަތުމުގެ ޓެސްޓްކުރެވޭ ޖީން އެކްސްޕާރޓް މެޝިނެއް ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި ޓީބީ ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު ސާކް ޓީބީ އެންޑް އެޗް.އައި.ވީ ސެންޓަރުން ދޭ އިނާމު ލިބިވަޑައިގެންނެވި، ހ.ވުޑްވިލާ ޝަމީމާ ޙުސައިނަށް ވަނީ މިރަސްމިއްޔާތުގައި ހަނދާނީ ފިލާ ޙަވާލުކުރައްވާފައެވެ. އަދި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީން ދެއްވާ ހަނދާނީ ފިލާވެސް ވަނީ މިރަސްމިއްޔާތުގައި ދެއްވާފައެވެ.