ޚަބަރު

ސޯލާ ޕެނަލްތައް ބަދަލުކުރަން 170 މިލިއަން ރުފިޔާ ޚަރަދުވާނެ: މިނިސްޓްރީ


  • ސޯލާ ޕެނަލްތައް ހަރުކޮށްފައިވަނީ މާލެ - ހުޅުމާލެ ގުޅުވާލާ ހައިވޭގައި

  • ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ހަރަދެއް ހިނގާނެ

  • މި މަޝްރޫއު ކުރިއަށްގެންދަނީ ވޯލްޑް ބޭންކް އެހީގައި

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރާނަމަ 170 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިފަދައިން ވިދާޅުވީ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެނެވެ.

ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވަން ޑރ. މުއިއްޒު ނިންމެވީ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލަރ ޕެނަލްތަކުގެ ސަބަބުން ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލުމުގެ ޝަކުވާ އާއްމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ޕެނަލްތަކުގެ ސަބަބުން ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއިމެދުވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާުރުން ޕެނަލްތައް އެ ތަނުން ނެގުމަށް ފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލު ކުރާނެކަމަށެވެ.

ޑރ. މުއިއްޒުގެ ވާހަކަތާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި ގްރިޑާއި ގުޅުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށެވެ. އެހެންކަމުން ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވާނެކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ. އެގޮތުން ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ކުރަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މިއީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ނޫނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި ވަނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ރައީސް ޔާމީންގެ ސަރުކާރުންކަމަށާއި މި ސަރުކާރުން ނޫންކަމަށެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރާނެ ވަރަށް ގިނަ ސަރަޙައްދުތަކެއް ބެލިކަމަށެވެ. ނަމަވެސް މާލެ ސަރަޙައްދުގައި އެކަށީގެންވާ ހުސް ޖާގަ ނެތުމާއި، ހައިވޭގެ އެސަރަޙައްދަކީ އިތުރު އެހެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ސަރަޙައްދަކަށް ނުވުމަކީ ސޯލާ ޕެނަލްތައް އެސަރަޙައްދުގައި ހަރުކުރުމަށް ނިންމި ސަބަބެއްކަމަށް ސަރުކާރުން ވަނީ މިއަހަރު ކުރީކޮޅު ވިދާޅުވެފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން މަސައްކަތުގެ ކޮންޓްރެކްޓަރާއި އިންޖިނިއަރުންގެ ލަފާގެ މަތިން އެސަރަޙައްދުގެ އެކްސިޑެންޓު ހިނގާފައިވާ މިންވަރަށާއި، ޕެނަލްތަކުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލައި ދިރާސާކޮށްފައިވާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.