ކުޅިވަރު

ބަލޮންޑޯ އެވޯޑް އަށްވަނަ ފަހަރަށް މެސީއަށް


ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް އަށްވަނަ ފަހަރަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި އެވޯޑް ހަފުލާގައި މެސީއަށް ބަލޮންޑޯ އެވޯޑް ހަވާލުކުރީ އޭނާ ކުޅެމުން އަންނަ އެމެރިކާގެ އިންޓަރ މަޔާމީގެ އެއް ހިއްސާދާރު، އަދި އިންގްލަންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމެވެ.

މި އަހަރުގެ އެވޯޑް މެސީ ހާސިލުކުރިއިރު، މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔަކީވެސް މެސީއެވެ. އެގޮތުން މެސީ އަށް ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާއިރު، އޭނާއާ އެންމެ ވާދަވެރި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި އެވޯޑް ހާސިލުކުރެވިފައިވަނީ ފަސް ފަހަރެވެ. މި އަހަރުގެ ކުރިން މެސީ ބަލޮންޑޯ އެވޯޑް ހާސިލުކޮށްފައިވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ވަނަ އަހަރެވެ.

މި ފަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހޯދިއިރު، އޭނާ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް މެސީއެވެ. އަދި ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް މެސީ ހޯދާފައިވާއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ކުރީގެ ކުލަބު ޕީއެސްޖީއާއެކު ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ.

މެސީއާ އެންމެ ގާތުން ބަލޮންޑޯ އެވޯޑަށް ވާދަކުރީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. ހާލަންޑް ވަނީ މި ފަހަރުގެ އެވޯޑް ހަފުލާގައި އެންމެ މޮޅު ފޯވާޑަށް ދޭ ގާޑް މުލާ ޓްރޮފީ ހާސިލުކޮށްފައެވެ.

މި ފަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލުކުރި އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ދޭ ކޮޕާ ޓްރޮފީ މި އަހަރު ހާސިލުކުރީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލަންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ.

މީގެ އިތުރުން އެންމެ މޮޅު ގޯލްކީޕަރަށް ދޭ ޔާޝީން ޓްރޮފީ މި ފަހަރު ހާސިލުކޮށްފައިވަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ. އަދި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުލަބަކަށް ބާސެލޯނާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުލަބަކަށް ހޮވުނީ މެންޗެސްޓާ ސިޓީއެވެ.