ދިވެހި ފުޓްބޯޅަ އަނދަވަޅަކަށް ވެއްޓިގެންދިޔައިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ހުންނެވީ އަޅާނުލައި ބަލަހައްޓައިގެން ކަމަށް "ސޭވް އެފްއޭއެމް" ހަރަކާތުން ބުނެފިއެވެ.
ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަމުން އެ ހަރާކާތުގެ ފަރާތުން ތަޖުރިބާކާރު ނޫސްވެރިޔާ އަބްދުލްﷲ އަޒްމީން ބުނީ ރާއްޖޭގެ ފުޓްބޯޅަ ނަގައި ކޮޅަށް ޖެހުން ދެން އެއީ އުނދަގޫ ހާލަތެއްގައި އޮތް ކަމެއް ކަމަށެވެ.
އަދި އެ ހާލަތުން އަރައިގަނެވޭނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުލަބުތަކުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް ސަރުކާރުގެ އެއްބާރުލުން ނެތި ރާއްޖޭގެ ފުޓްބޯޅަ ކޮޅަށްޖަހަން ކުލަބަތަކަށްވެސް އުނދުގޫވާނެ ކަމަށް އަޒްމީން ވަނީ ބުނެފައެވެ.
އެފްއޭއެމުގެ ހާލަތުގެ ގޯސްވެ ވަޅުގަނޑަކަށް ވެއްޓުނު ދަނޑިވަޅުގައި މިހާރުގެ ސަރުކާރުގެ މާ ބޮޑު އަޅާލުމެއް ނުފުނު ކަމަށާއި، ކަންކަން ގޯސްވެ ބޮސުންލައިގެން ދިޔައިރު ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރުވެސް އަޅާލާފައިނުވާ ކަމަށްވެސް އަޒްމީން ވަނީ ބުނެފައެވެ.
"ސޭވް އެފްއޭމް" ގެ ސްޓިރިއަން ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ އަޒްމީން ބުނީ މިއީ އެއްވެސް ބަޔަކު އުއްމީދު ކުރި ދުވަހެއް ނޫން ކަމަށާއި، އެފްއޭއެމުން ގަވާއިދާ ޚިލާފަށް ކަންކަން ކުރުމަށް މަގުފަހިވެގެންދިޔައީ ކަންކަމުގައި ފާރަވެރިވާން ތިބި އިދާރާތަކުން އަޅާނުލައި ތިބުމުން ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނު މި ސަރުކާރުން އެފްއޭއެމުން ގޯސްހަދަމުން ދިޔައިރު އަޅާލި ތަނެއް. ޚާއްސަކޮށް ޔޫތު މިނިސްޓަރު މަޚްލޫފް ހުރީ ބަލަހައްޓައިގެން.އަބްދުﷲ އަޒްމީން
އަޒްމީން ބުނީ ސީދާ އެފްއޭއެމާ ގުޅުން ހުރި ގިނަ ކަންކަމުގެ މައްސަލައަކީ ބައްސާމް އެކަނި ނޫން ކަމަށެވެ.
އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ އިދާރާއަށް ވަދެ ތަޙުޤީޤުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައެވެ.
އެއާއެކު އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ އެ އިދާރާ ފުލުހުން ރެއިޑުކޮށް ތަޙުޤީޤަށް ބައެއް ސާމާނު ގެންދިއުމުން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ދިވެހި ޕްރިމިއަރ ލީގާއި ރޭވިފައިހުރި އެހެން މުބާރާތްތައްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.