2024ވަނަ އަހަރަށް ދަޢުލަތުން ކަނޑައަޅާ ބަޖެޓު ހުށައެޅުން، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެެޖެންޑާކޮށްފިއެވެ.
ޤާނޫނު ބުނާގޮތުން، ކުރިއަށް އޮންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ކޮންމެ އަހަރެއްޖެވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް ހުށައަޅަންޖެހެއެވެ.
މާދަމާ ހުށައަޅާ ބަޖެޓަކީ މިހާތަނަށް ދަޢުލަތުން ހުށައަޅާ އެންމެ ބޮޑު ބަޖެޓެވެ. މަޖިލީހުން ބަަޖެޓުގެ މައްސަލަ ބަލައިގަނެ، އޭގައި ހިމެނޭ ކަންކަމަށް ބަހުސްކުރާނެއެވެ. ބަޖެޓާއި ގުޅޭގޮތުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެއެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން، ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ.
މިއީ 2023 ވަނަ އަހަރަށް ހުށައެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއްކަމަށް މި ރިޕޯޓްގައި ބުނެއެވެ. މިއަހަރު ދަޢުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓު ހުށައަޅާއިރު، ވެރިކަން ބަދަލުވުމުގެ މަތުޚަލާގެ ކަންކަންވެސް ސަރުކާރާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އަންނަ އަހަރަށް އެކުލަވާލާ ބަޖެޓުގައި، އިންތިޚާބީ ސަރުކާރުން ހުށައަޅާ ކަންތައްތައްވެސް ހިމަނުއްވާނެކަން ފިނޭންސް މިނިސްޓްރީއިން މީގެކުރިން ވިދާޅުވެފައިވެއެވެ.
ސަރުކާރުން ވަނީ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއްވެސް ހުށައަޅާފައެވެ. މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ހަރަދުތައް ހަމަޖެއްސުމަށް، އިތުރު 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ނަމަވެސް މި ބަޖެޓުގައި މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާތީ، އެކަންކަން ފުރިހަމަކުުރުމަށްފަހު އަލުން ހުށައެޅުމަށް ވަނީ އަނބުރާ ފޮނުވާލާފައެވެ. އެގޮތުން މާލިއްޔަތު ޤާނޫނާއި އެއްގޮތަށް އިސްލާހު ގެނެސް، ސަޕްލިމެންތީ ބަޖެޓު އަލުން ހުށައެޅުންވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.