މީގެ ތިން އަހަރު ކުރިން ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވުމުން، ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަށް އަޑުއުފުލަމުން ދިޔަ ޖަމުޢިއްޔާތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް ގަބޫލު ކުރެވުނެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެ ކަމުގެ އުންމީދު އައުވިއެވެ. ބައިޑަންގެ ކުރިން އެމެރިކާގެ ރައީސް ކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީ އިސްރާޢީލުގެ ޒަޔަނިސްޓު ސިޔާސަތުތައް ހެޔޮ ހިތުން ގަބޫލު ކުރެއްވި ވެރިއެކެވެ. މީގެ ކުރިން ބެލެވުނު ގޮތުގައި ޓްރަމްޕުގެ ވެރިކަމަކީ އެމެރިކާގައި މިހާތަނަށް ކޮށްފައިވާ އެންމެ ނުބައި ނުލަފާ ވެރިކަމެވެ. ނަމަވެސް، މިއަދު މި ވަނީ އެ ކަމާ މެދު ފުންކޮށް ވިސްނައިލަން ޖެހިފައެވެ.
މިއަދުގެ ހާލަތަށް ބަލައިލާއިރު ފެންނަމުން މި ދަނީ، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ އިސްތިޢުމާރީ ބާރުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބައިޑަންގެ ސަރުކާރުން ހިތްވަރު ދެމުންދާ މަންޒަރެވެ. މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓައިނުލައި ކުރިއަށް ގެންދަން އެހީތެރިވަމުންދާ މަންޒަރެވެ. ޣައްޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލް ބޮންއަޅައި 470 އަށްވުރެ ގިނަ މީހުން އެއް ފަހަރާ ޝަހީދު ކޮށްލުމުން ވެސް، ހިތްވަރު ދިނުމުގައި ދެމިއޮތް މަންޒަރެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މީހުންގެ ޢަދަދު 8,005 އަށް އަރާފައިވާއިރު ވެސް، ޔަހޫދީންގެ ހިމާޔަތުގައި ބައިޑަން ހުންނެވި މަންޒަރެވެ.
މި ކަމުން ދޭހަ ވަނީ އެންމެ ކަމެކެވެ. ބައިޑަންއަކީ ޓްރަމްޕަށް ވުރެ ވެސް ނުބައި ނުލަފާ ކަމާއި ޖައްބާރު ކަން ބޮޑުވެގެންވާ ރައީސެއް ކަމެވެ. ވިސްނައިލަން ޖެހޭ އަނެއް ކަމަކީ، ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތައް ހިމާޔަތް ކޮށްދޭން އެމެރިކާއަކީ ދުވަހަކު ވެސް ހެޔޮ ނިޔަތުގައި މަސައްކަތް ކޮށް، ވަކާލާތު ކޮށްފައިވާ ޤައުމެއް ނޫނެވެ. އެމެރިކާ އަބަދު ވެސް އޮތީ ޔަހޫދީންގެ ހިމާޔަތުގައެވެ. ޔަހޫދީންގެ ގަތުލުއާންމުތައް ދިފާޢު ކުރުމުގައެވެ.
މެދުއިރުމަތީގައި ދާއިމަށް ސުލްޙަ ގާއިމު ކުރަން އެމެރިކާއިން އެއްވެސް އިރަކު ހަރުދަނާ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އާރާބާރާއި ނުފޫޒުގެ ބޭނުން ކޮށްފައެއް ނުވެއެވެ. ނަމަވެސް، ފެނިގެން ގޮސްފައި ވަނީ ޔަހޫދީ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ މަންޒަރެވެ. ހަތިޔާރު ފޯރުކޮށްދެމުން ދިޔަ މަންޒަރެވެ. ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާ ކުރިއަރުވަން އެތަކެއް ބިލިޔަން ޑޮލަރުން ޚަރަދު ކުރަމުންދާ މަންޒަރެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ސަރުކާރުން ވެސް ޔަހޫދީ އިސްރާޢީލަށް 38 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދިނެވެ.
ޔަހޫދީން އެ ހުރިހާ ހަތިޔާރެއް ބޭނުން ކޮށްފައި ވަނީ، އަދި މިހާރު ވެސް ބޭނުން ކުރަމުން ދަނީ، ފަލަސްޠީނުގެ އަނބިން ހުވަފަތް ކުރާށެވެ. ކުށެއް ނެތް ކުޑަކުދިން ޔަތީމު ކުރާށެވެ. އެ ކުދިންގެ ލޭއޮހޮރުވައިލާށެވެ. އުމުރުން ދުވަސްވީ މީހުން ގަތުލު ކުރާށެވެ. އަދި، ޒުވާން އުމުރުފުރައިގެ ކުދިން ޝަހީދުކޮށް، އެ ކުދިންގެ ކުރިމަގު ނެތި ކޮށްލާށެވެ. ޔަހޫދީ ފައުޖުތަކުން މި ހުރިހާ ޖަރީމާއެއް ހިންގަމުން ދަނީ އެމެރިކާގައި އެއިރަކު ހުންނެވި ރައީސެއްގެ ފުރިހަމަ ތާޢީދާ އެކުގައެވެ. އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.
ޓްރަމްޕުގެ ސަރުކާރުން ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަށް އަރައިގަތުމަށް ނިންމާފައިވާ ނިންމުންތައް ބަދަލު ކުރަން ބައިޑަން މަސައްކަތްތަކެއް ކުރެއްވިއެވެ. އެ މީހުންގެ ހައްޤުތައް ހިމާޔަތް ކޮށްދިނުމުގެ ނަމުގައެވެ. މި ގޮތުން، ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލަސްޓީނިޔަން އޮތޯރިޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިމުމެއް ގެންނަން ޓްރަމްޕް ނިންމެވި ނިންމުން ބަދަލު ކުރެއްވިއެވެ. ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އަށް ފައިސާ ދޫކުރަން ނިންމެވިއެވެ.
ނަމަވެސް، މީގައި ފޮރުވިފައިވާ އެތަކެއް ސަބަބެއް އެބައޮތެވެ. މިއީ ހައްތަހާ ވެސް އިސްރާޢީލުގެ ދިފާޢުގައި ބައިޑަން ނިންމަވާފައިވާ ނިންމެވުން ތަކެކެވެ. އަޅުވެތި ކޮށްފައިވާ ބަޔެއްގެ އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށް އޮސްލޯ އެއްބަސްވުމުގައި ބުނެފައިވާއިރު، ބައިޑަންގެ ނިންމެވުމާ އެކު ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޔަހޫދީ އިސްރާޢީލަށް އެންމެ ލޯ ލާރިއެއް ވެސް ޚަރަދު ކުރާކަށް ނުޖެހޭނެއެވެ. ބައިޑަން އެ ވަނީ އެ މަސްޢޫލިއްޔަތުން ޒަޔަނިސްޓު އިސްރާޢީލް ބަރީއަ ކޮށްދީފައެވެ. ސަލާމަތް ކޮށްދީފައެވެ.
އެމެރިކާއިން މިހާރު ވެސް އެ ދަނީ، ޣައްޒާގެ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގައި ބައިވެރިވަމުންނެވެ. އެ ކަން ހުއްޓުވަން ކުރަމުންދާ ހުރިހާ މަސައްކަތްތަކަކަށް ހުރަސް އަޅަމުންނެވެ. ގަތުލުއާންމު ހުއްޓުވަން އ.ދގެ ސަލާމަތީ މަޖިލީހުގެ ކުރިމައްޗަށް ހުށަހެޅޭ ހުރިހާ ޤަރާރެއް ވީޓޯގެ ބާރު ބޭނުންކޮށް ފޭލު ކޮށްލަމުންނެވެ. އަދި، ޣައްޒާއަށް މެދުކެނޑުމެއް ނެތި އަޅަމުންދާ ބޮންތަކާއި، ދެމުންދާ މިސައިލް ހަމަލަތަކުގެ ފަހަތުގައި އޮތީ އެމެރިކާއޭ ދެންނެވުން ވެސް ދޮގަކަށް ނުވާނެއެވެ. ޔަހޫދީ ފައުޖުތަކުން ބޭނުންކުރާ ގިނަ ހަތިޔާރަކީ އެމެރިކާއިން ފޯރުކޮށްދީފައިވާ ތަކެއްޗެވެ.
ވިސްނައިލަން ޖެހޭ ކަމަކީ، އެމެރިކާއަކީ ދުވަހަކު ވެސް ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތައް ހިމާޔަތް ކޮށްދޭން ހެޔޮ ނިޔަތުގައި އިނގިއްޔެއްގެ މިންވަރު ވެސް ހިއްލައިލި ޤައުމެއް ނޫން ކަމެވެ. ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަކީ ބައިޑަން އަށް މުހިންމު ކަމެއް ނޫނެވެ. އަޅައިލަން ބޭނުންވާ ކަމެއް ވެސް ނޫނެވެ. ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ކުޅިބަލަން އެންމެ ކުރީ ސަފުގައި އަތްޖަހައި ހިތްވަރުދޭން ހުންނެވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ. އޭނާގެ ދެ އަތް ވަނީ ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންގެ ލެއިން ތަތްތެޅިފައެވެ.