މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް ބަލިކޮށް، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އިންޑިއާ ޖެހިލައިފިއެވެ.
ލަކްނައުގައި ހުންނަ އެކަނަ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ ފަސޭހަކަމާއެކު 100 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އިންގްލަނޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 229 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 101 ބޯޅައިން 87 ލަނޑު ހެދި ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާއެވެ.
ޖަވާބުގައި އިންގްލަންށް ކުޅެން އަރައި 34.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 27 ލަނޑު ހެދި ލިއަމް ލިވިންސްޓޯންއެވެ.
މި އިނިންގްސްގައި އިންޑިއާގެ މުޙައްމަދު ޝަމީ ވަނީ ހަތް އޯވަރުގައި 22 ލަނޑަށް ހަތަރު ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ޖަސްޕްރީތު ބުމްރާ ވަނީ ހަތް އޯވަރުގައި 32 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ ސެމީއާ ގާތަށް އިންޑިއާ ޖެހިލިއިރު، ސެމީއަށް ދަތުރުކުރާނީ ތާވަލުގެ އެންމެ ކުރީގައި އޮންނަ ހަތަރު ޓީމެވެ. އިންޑިއާއިން މިހާތަނަށް ކުޅުނު ހަ މެޗުންވެސް މޮޅުވެފައިވާއިރު، އެ ޓީމުން ވަނީ 12 ޕޮއިންޓް ހަމަކޮށްފައެވެ. އަދި މި ފަހަރުގެ މުބާރާތުން ކަޓާފައިވާ އިންގްލަންޑް އޮތީ ތާވަލުގެ ފުލުގައި ހަ މެޗުން އެންމެ ދެ ޕޮއިންޓާއެކުއެވެ.