ވިޔަފާރި

ތައިލެންޑުގެ އިންވެސްޓަރުންނަށް މަޢުލޫމާތުދީފި


އިޤްތިސާދީ ތަރައްޤީއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަވައިފިއެވެ.

އިޤްތިސާދީ ތަރައްޤީއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިހާރު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ފެއްޓެވީ، މިމަހުގެ 22 ވަނަ ދުވަހު ބޭއްވި 6 ވަނަ މިނިސްޓީރިއަލް ކޮންފަރެސް އޮފް ދަ ބާލީ ޕްރޮސެސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑޮނޭޝިއާގެ ބާލީއަށް ކުރެއްވި ދަތުރުފުޅުންނެވެ. ވަޒީރުގެ މިދަތުރުފުޅުގައި ގެންދަވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ވިޔަފާރިއާއި އިޤްތިސާދީ ގޮތުން ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިގޮތުން ވަޒީރުގެ މިދަތުރުފުޅުގައި ވަނީ ތައިލެންޑުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދު އޮންނަ އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ތައިލެންޑުގެ ކޯޕަރޭޓިވް ޕްރޮމޯޝަން ޑިޕާރޓްމަންޓާއިއެކުވެސް ވަނީ މަޝްވަރާތައް ބާއްވަވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. އަދި ދެޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ތައިލެންޑުގެ އިންވެސްޓަރުންނާއިއެކު ޚާއްސަ ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް މާޙައުލާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތުދެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައި ވަޒީރާއެކު ތައިލެންޑަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖެއާއި ތައިލެންޑާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ބަލާލާއިރު، ތައިލެންޑަކީ، ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރާ ޤައުމެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވާ 276 މިލިއަން ރުފިޔާގެ މުދަލުގެ ތެރެއިން 61 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވަނީ، ތައިލެންޑަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.