ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި މުވާސަލާތީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުންދީ، ޚިދުމަތްތައް ކަނޑައިލާފައިވާއިރު، އަލުން ޚިދުމަތް ގުޅައިދިނުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. ޣައްޒާގެ ބައެއް ސަރަޙައްދުތަކަށް މިހާރު މުވާސަލާތީ ޚިދުމަތްތައް ގުޅައިދީފައިވާނެ ކަމުގައި އެ ޚިދުމަތްދޭ ކުންފުނިތަކުން ބުނެއެވެ. މިއާ އެކު، ޣައްޒާގައި ދިރިއުޅޭ ޢާއިލާގެ މެންބަރުންގެ ޚަބަރުދަބަރު ހޯދައި، ޙާލުއަޙުވާލު އޮޅުން ފިލުވުމަށް އެ މީހުންގެ ޢާއިލާތަކުގެ މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު ވަނީ 7,703 އަށް އަރާފައެވެ. އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، 19,700 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ. އަދި، ޣައްޒާގެ މުސްލިމުން ދިރިއުޅޭ ޢިމާރާތްތަކުގެ 45 އިންސައްތަ ވަނީ ސުންނާފަތި ކޮށްލާފައެވެ.
މި ހަމަލަތަކުގެ ތެރެއިން ޔަހޫދީ ފައުޖުތަކުން ވަނީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލަދީ، ޚިދުމަތްތައް ކަނޑައިލާފައެވެ. ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނީ، ފާއިތުވި 24 ގަޑިއިރަކީ އެންމެ ހިތްދަތި އަދި އުނދަގޫ 24 ގަޑިއިރު ކަމުގައެވެ. ޣައްޒާގައި ދިރިއުޅޭ ޢާއިލާގެ މެންބަރުންގެ ޚަބަރެއް ނުލިބި، އެތަކެއް ހާސް ބަޔަކު ކަންބޮޑުވެފައިވާ ކަމުގައެވެ. މައިންބަފައިންނާއި އަނބިދަރިންގެ ހާލު ނޭނގި ހާސްވެފައިވާ ކަމުގައެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށް ވެސް، އެ ޖަމާޢަތްތަކުގެ މުވައްޒަފުންނާ ގުޅޭނެ ގޮތެއް ނެތިފައެވެ.
ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ކަނޑައިލާފައި ވަނީ، ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތާއި މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަރނޭޝަނަލް އަދި ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު) ހިމެނެއެވެ.
ޣައްޒާގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ޕަލްޓޭލް ގްރޫޕުން ބުނީ، ފޯނާއި އިންޓަރނެޓުގެ ޚިދުމަތް ގުޅައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މިހާރު ބައެއް ސަރަޙައްދުތަކަށް ޚިދުމަތްތައް ގުޅައިދެވިފައިވާ ކަމުގައެވެ. ސްޓާލިންކް ކުންފުނީގެ އިސްވެރިޔާ އީލޯން މަސްކް ވެސް ވަނީ، އޭނާގެ ސްޓާލިންކް ކުންފުނި މެދުވެރިކޮށް ޣައްޒާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.
ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް މެދުކަނޑައިލުމަށް ފަހު ޔަހޫދީ ފައުޖުތަކުން ވަނީ އެ ސަހަރުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލަތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ބޮންއެޅުން އިތުރު ކޮށްފައެވެ. ޣައްޒާގައި ތިބި ނޫސްވެރިން ބުނީ، ފުލުފުލުން ބާރުގަދަ ގޮވުންތަކާއި އެމްބިޔުލާންސްތަކުގެ އަޑު ކެނޑިގެން ނުދާ ކަމުގައެވެ. އަދި، ކަރަންޓުގެ ޚިދުމަތް ކެނޑި، ކަނު އަނދިރީގައިވާ ޣައްޒާއިން ފެންނަނީ އަނދަމުންދާ ޢިމާރާތްތައް ކަމުގައެވެ.
އެމެރިކާގެ އެހީތެރިކަމާ އެކު ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ހަމަލަތަކުގައި ޔަހޫދީ ފައުޖުތަކުން ދަނީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ހަތިޔާރުތައް ވެސް ބޭނުން ކުރަމުންނެވެ. އެޗް.އާރް.ޑަބްލިޔުން ބުނީ، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން އިންސެންޑިޔަރީ ބޮން އަދި 'ވައިޓް ފޮސްފޮރަސް' ބޮން ބޭނުން ކުރަމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމުގައެވެ. އެއީ، ޢާންމު ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރުން މަނާ ކޮށްފައިވާ ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރެކެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.