28 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ދެ ކުޅުންތެރިންނަށް ފާތިމަތު ދީމާ އަލީ އާއި މުޙައްމަދު ޝައްފާން އިސްމާޢީލް ވެއްޖެއެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދިއިރު އޭނާ ވަނީ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް، މިކްސް ޑަބަލްސްގެ އިތުރުން 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އަދި އަންހެން ޑަބަލްސްއާއެކު އޭނާ ވާދަކުރި ހުރިހާ އިވެންޓަކުން ޗެމްޕިއަންކަން ހޯދާފައެވެ.
އަންހެން ސިންގަލްސްގައި ދެވަނައަށް އެންމެ ކާމިޔާބު ކުޅުންތެރިއަކީ މިޝްކާ މުހައްމަދު އިބްރާހީމެވެ. އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް އާއި 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ދެވަނަ ހޯދާފައެވެ. އަދި 15 އަހަރުން ދަށުގެ ސިންގަލްގސް ޗެމްޕިއަންކަން ހޯދިއިރު ޑަބަލްސް ދެ ކެޓަގަރީ ކަމަށްވާ ފުރަތަމަ ޑިވިޝަން އަދި 17 އަހަރުން ދަށުގެ ބައިން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝައްފާން ހޯދިއިރު އޭނާ މި ކާމިޔާބީ ހޯދީ ފައިނަލުގައި މޫސާ މުންސިފް އަހުމަދު ދެ ސެޓު ހޯދައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ސެޓު ހޯދައިގެން 4-2 އިންނެވެ.
މުބާރާތުގެ ވެޓްރަންސް ޗެމްޕިއަންކަން އަލީ އާދަމް މަނިކު (އަލިބެ) ހޯދިއިރު 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޒީކް އެވެ. 17 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ޒީކް އާއި މިންހާ މަހުޖޫބު ސުޖާއުގެ ޕެއާ ހޯދިއިރު 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ތަށި ހޯދާފައިވަނީ އުމެއިރެވެ. 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ އުމެއިރު އާއި މުހައްމަދު ހަލަފް ރާފިއު އެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޔަޒީން ހުސައިން ޝަރީފެވެ.