ކަސްޓަމްސް ފީ ދެއްކުމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަން ޕީޕީއެމްގެ ނަމުގައި މެސެޖު ފޮނުވަމުންދާތީ ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.
މި މެސެޖުތަކުގެ ސްކްރީންޝޮޓްތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރަމުންނެވެ. ފައިސާ ދެއްކުމަށް ލިންކަކާއެކު މި މެސެޖު މިފަހަރު އަންނަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނަމުގައެވެ. މި މެސެޖުގައި، ޑީއެޗްއެލް މެދުވެރިކޮށް ކަސްޓަމަރު ގެނެސްފައިވާ ޕެކޭޖު ޑެލިވަރީ ކުރެވޭނީ ލިންކުގައިވާ ފީ ދައްކައިގެންކަމަށް ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ، އެ މެސެޖަށް އިޖާބަ ނުދިނުމަށާއި، ލިންކް އަށް ނުފިއްތުމަށް އެދިފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ޓްރާންސް މޯލްޑިވްސް އެއަރވޭސް ޓީއެމްއޭގެ ނަމުގައިވެސް މިފަދަ މެސެޖުތަކެއް ގިނަ ބަޔަކަށް ފޮނުވާފައިވެއެވެ.
ޕީޕީއެމްއިން ބުނީ ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްކޭމް މެސެޖްތަކެއް ކަމަށާއި، އެ މެސެޖްގައިވާ ލިންކަށް ނުވަނުމަށް އެެެދޭކަމަށެވެ.
ފަހަކަށް އައިސް އޮންލައިން ޚިދުމަތްތަކުގެ ޒަރިއްޔާއިން، އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަދަ އެތަށް މައްސަލައެއް ފުލުހަށް ހުށައަޅަމުން އަންނައިރު، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިންވެސް ވަނީ ކަސްޓަމަރުން މިފަދަ ގޮތް ނޭނގޭ ނަންބަރުތަކުން ފޮނުވާ މެސެޖުތަކާއި ލިންކްތައް ނުހުޅުވުމަށް އެދިފައެވެ.