ޚަބަރު

"ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ނިމުމަކަށް ގެނޭ"


ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތައް ނިމުމަކަށް ގެނައުމަށް އެމެރިކާގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާދު މަންސޫރު ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވާލެއްވީ އދ.ގެ އާއްމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.

1000 އިސްރާއީލް މީހުން މަރުވުމުން އެއީ ލާއިންސާނީ ޢަމަލެއްކަމަށް ޤައުމުތަކުގެ މަންދޫބުން ކަނޑައަޅާއިރު، 1000 ފަލަސްތީނު ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުކޮށްލާއިރު، އެއީ ލާއިންސާނީ އަމަލެއް ކަމަށް ކަނޑަނޭޅެނީ ކީއްވެތޯ ރިޔާދު ވަނީ ސުވާލުކުރައްވާފައެވެ. އަދި މި ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭކަން އިޙްސާސް ނުވަނީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި އިސްރާއީލްގެ މަންދޫބު ގިލާޑް އާރޑެން ވިދާޅުވި ގޮތުގައި ހަމާސް އިން އިސްރާއީލަށް އަރައިގެންފައި ވަނީ ކަނޑާއި އެއްގަމާއި، ވައިގެ މަގުންނެވެ. އަދި ހަމާސް އިން އައީ އެމީހުންނަށް ފެނުނު ކޮންމެ ދިރޭ އެއްޗެއް މެރުމުގެ މަޤްސަދުގައި ކަމަށްވެސް ގިލާޑް ތުޙުމަތުކުރެއްވިއެވެ.

ޢަރަބި ދައުލަތްތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިސްރާއީލުން ވަނީ ޣައްޒާއަކީ ދުނިޔެ މަތީގެ ނަރަކައަށްވުރެ ބިރުވެރި ތަނެއް ކަމުގައި ހަދާފައިކަމަށެވެ. އަދި އެކަމުގެ އަސަރު އަންނަން އޮތް ޖީލުތަކަށްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމު މަޖީލީހުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުހިޔާން ވިދާޅުވި ގޮތުގައި ހަނގުރާމަ ކުރިއަށްދާކަށް އެ ޤައުމުން ބޭނުމެއް ނުވެއެވެ. ނަމަވެސް ފަލަސްތީނުގެ ނަސްލު ނައްތާލަން ޔަހޫދީން ކުރާ މަސައްކަތް ހުއްޓާނުލާނަމަ އެމީހުންނަށް ސަލާމަތެއް ނެތް ކަމަށް އަބްދުލްހިޔާން އިންޒާރުކުރެއްވިއެވެ.

ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް 9 ޢަރަބި ޤައުމަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ޖޯޑަން، ބަހްރެއިން، ސައުދީ އަރަބިއްޔާ، އޮމާން، ޤަތަރު، ކުވައިތު، ބަހްރައިން އަދި މޮރޮކޯއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ލޭއޮހޮރުވުން ނިމުމަކަށް ގެނައުމަށާއި އަވަށްޓެރި ޤައުމުތަކަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ފުރުސަތުން ސަލާމަތްވުމަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ބުނެފައެވެ.