އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ޕާކިސްތާން ބަލިކޮށް، ތާވަލުގެ އެއްވަނައަށް ދެކުނު އެފްރިކާ ޖެހިލައިފިއެވެ.
ޗެންނާއީގައި ހުންނަ އެމް.އޭ ޗިދަމްބަރަމް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ދެކުނު އެފްރިކާ މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު އެއް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 46.4 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 270 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 52 ލަނޑު ހެދި ސައުދު ޝަކީލާއި 65 ބޯޅައިން 50 ލަނޑު އެއްކުރި ޓީމުގެ ކެޕްޓަން ބާބަރު އާޒަމެވެ.
މި އިނިންގްސްގައި ދެކުނު އެފްރިކާގެ ތަބަރައިޒް ޝަމްސީ ވަނީ 10 އޯވަރުގައި 60 ލަނޑަށް ހަތަރު ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ މާކޯ ޖެންސެން ވަނީ ނުވަ އޯވަރުގައި 43 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ދެކުނު އެފްރިކާ ކުޅެން އަރައި އެ ޓީމުން ވަނީ 47.2 ވަނަ އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން 271 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 93 ބޯޅައިން 91 ލަނޑު ހެދި އައިޑެން މާކްރަމެވެ.
މި މޮޅާއެކު 10 ޤައުމު ވާދަކުރާ މި މުބާރާތުގެ އެއްވަނައަށް ދެކުނު އެފްރިކާ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަ މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި ޕާކިސްތާން އޮތީ ތާވަލުގެ ހަވަނައިގައި ހަ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.