ޚަބަރު

މެޓް އޮފީހުން ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި


މިޓިއޮރޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރުމުގެ ގޮތުން ސްކޮލަރޝިޕްގެ ފުރުސަތު މޫސުމަބާހޭ ޤައުމީ އިދާރާއިން ހުޅުއްވާލައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ސްކޮލަރޝިޕަށް އެދި ކުރިމަތިލެވޭނީ މެތަމެޓިކްސް، ފިޒިކްސް، އެންވަޔަރަމަންޓަލް ސައިންސް، އެޓްމޮސްފެރިކް ސައިންސް އަދި ކްލައިމެޓޮލޮޖީގެ ދާއިރާއިން ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި ސްކޮލަރޝިޕްގައި 3 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ކަމަށާއި ކިޔެވުން ފުރިހަމަކުރުމަށްފަހު އެނބުރި އައިސް ވަޒީފާ އަދާކުރަންޖެހޭނީ މެޓް އޮފީހުގައި ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންެޖެހޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވައެވެ.